ޚަބަރު
ކުޑަހުވަދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމުމަކާ ގާތަށް
ކުޑަހުވަދޫ ބަނދަރުގެ އެއްގަމުތޮށިލުން. ފޮޓޯ: އެމްޓީސީސީ
ދ. ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމި، މަޝްރޫޢުގެ ބޮޑުބައެއް ފުރިހަމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރަށުގެ މަސްދޯނިފަހަރާއި ސިއްޙީ ކުއްލި ފަރުވާއަށް ދަތުރުކުރާ އުޅަނދުފަހަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 83.33 މިލިއަން ރުފިޔާ (5.8 މިލިއަން ޔޫއެސް ޑޮލަރު) ގެ އަގުހުރި މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ޑައިރެކްޓް ސިލެކްޝަން އުޞޫލުން އެމްޓީސީސީއާ ޙަވާލުކުރެވުނު މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 500 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ފަޅު ފުންކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އައު ހާބަރ ބޭސިން ފުންކުރުމުގެ 50،736 ކިއުބިކް މީޓަރުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ 5،545 ކިއުބިކް މީޓަރު އަދި މެއިންޓެނަންސް ޑްރެޖިންގގެ ގޮތުގައި 52،386 ކިއުބިކް މީޓަރު ހިމެނޭހެން ޖުމްލަ 103،122 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ.

ފަޅު ރައްކާތެރިކުރުމާއި އައްސޭރިފަށުގެ އިންޖިނިއަރިންގ މަސައްކަތްތަކަށް ބަލާއިރު، 372 މީޓަރުގެ ދިގުމިނަށް އެއްގަމުތޮށި ލުމާއި، 180 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 115 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން ވެލި އަޅައިގެން ހަދާ ބޭރުތޮށީގެ އެތެރޭގެ ސެކްޝަނުގައި 266 މީޓަރު އަދި ބޭރު ސެކްޝަނުގައި 321 މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުން ހިމެނެއެވެ. އަދި އުޅަނދުފަހަރާއި އެއްގަމާ ދެމެދު ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި 90 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި 70 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢު ނިމިގެންދާއިރު ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި 2،265 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ އިތުރުން އުޅަނދުފަހަރު އަޅާނެ މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ސައިޓުގައި ފެށިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ. މަސައްކަތްތައް ބާރަށް ކުރިއަށްގޮސް، 2026 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް މުޅި މަޝްރޫޢުގެ 75 އިންސައްތަ ނިމިފައިވާއިރު، އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ 90 އިންސައްތަ ނިމުމަކީ މަޝްރޫޢު ނިންމުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.