ޚަބަރު
ބަޖެޓް 2027: ކޮންމެ މެމްބަރަކަށް މިފަހަރުވެސް 15 މިނިޓް
ބަޖެޓް ބަހުސް. ފޮޓޯ: މަޖިލިސް އިދާރާ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށްޓަކައި، ކޮންމެ މެންބަރަކަށް ވެސް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ފާސްކޮށްފައިވަނީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ހުށަހެޅުމަށް، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާގައި ކޮންމެ މެންބަރަކަށް ދީފައިވަނީ 15 މިނެޓުގެ ވަގުތެކެވެ. މީގެ އިތުރުން، ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރުމަށް ހަތް މިނެޓުގެ ފުރުސަތެއް ދިންއިރު، މެންބަރުން ހުށަހަޅުއްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދެއްވީ 45 މިނެޓެވެ.
ސަރުކާރުން އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި ހިނގާ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ރިކަރަންޓް ޚަރަދު އިތުރުވުން
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ރިކަރަންޓް ޚަރަދުތައް އިތުރުވެފައިވާކަން ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށް ވުރެ 0.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ރިކަރަންޓް ޚަރަދަކީ 37.4 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެ ދާއިރާގެ އެކި ކަންކަމަށް 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.