Ads by Farudhun

ޚަބަރު

ތައުލީމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އިއްތިފާގުން މަޖިލީހަށް ބަލައިގަނެފި

ތައުލީމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އިއްތިފާގުން މަޖިލީހަށް ބަލައިގަނެފި

ތައުލީމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ހުށައެޅުއްވެވި އެމްޕީ ޑރ ޢަނާރާ ނަޢީމް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 01:58

02 ނޮވެމްބަރު 2026، 01:58

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މިއަދު މަޖިލީހަށް ބަލައިގަނެފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ނިންމުމަށްފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސްކޫލުތަކުގައި ކިޔަވައިދޭ 195 ދުވަސް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީތައް ނުގުނޭނެއެވެ. މީގެއިތުރުން، ދިރާސީ އަހަރު ފަށާ މަހަކީ ޖެނުއަރީ މަސް ކަމުގައި ހަމަޖެއްސުމަށާއި، މަގްބޫލު އުޒުރެއް ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެނަމަ ފެބުރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ފަސްކުރުމުގެ އިހުތިޔާރު ލިބިދޭ މާއްދާއެއްވެސް ބިލުގައި ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު މިހާރު އެކުލަވާލާފައިވަނީ ސްކޫލްތައް 201 ދުވަހަށް ހުޅުވާގޮތަށް ކަމަށްވީ ނަމަވެސް، ހާއްސަ އެކިއެކި ހަރަކާތްތަކާއި ބަންދުތައް އުނިކުރުމުން، ހަގީގީ މާނައިގައި ކިޔަވައިދިނުމަށް ލިބެނީ އެންމެ 163 ދުވަހެވެ. އެހެންކަމުން، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ދުވަހުގެ އަދަދު އިތުރުކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންވާ ފުރިހަމަ ވަގުތު ކަށަވަރުކޮށްދީ ތައުލީމީ ފެންވަރު މަތިކުރުން ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ޓާމް ބަންދުތައް ހިމެނޭހެން އަހަރަކު 4 ހަފުތާގެ ޗުއްޓީ ތިން މުއްދަތަކަށް ބަހާލައިގެން ދިނުމަށްވެސް މި އިސްލާހުގެ ދަށުން ވަނީ ރާވާފައެވެ.

ހަމައެއާއެކު، ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލަށް ތައާރަފުކުރެވޭ "ހޯމް ސްކޫލިން" އާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ކުއްޖާގެ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް ހެދޭ ހާއްސަ އެސެސްމެންޓަކަށްފަހު، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހު މަޖިލީހުން ފާސްވެ އަމަލުކުރަން ފެށުމުން، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުޅި ތައުލީމީ ދާއިރާއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450