ދުނިޔެ

އިޒްރާއީލު ސިފައިން ރާމަﷲ އިރުމަތީގައި ހުރި ދުވަސްވީ 20 ޒައިތޫނި ގަސް ކަނޑާލައިފި

އިޒްރާއީލު ސިފައިން ރާމަﷲ އިރުމަތީގައި ހުރި ދުވަސްވީ 20 ޒައިތޫނި ގަސް ކަނޑާލައިފި

ފަލަސްޠީނުގެ ޒައިތޫނި ގަސް ބަގީޗާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ފެބްރުއަރީ 2026، 11:16

26 ފެބްރުއަރީ 2026، 11:16

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ އަދި އަލް-ބީރާ ގަވަރުނަރޭޓްގެ އިރުމަތީ ސަރަހައްދުގައި ހުރި، އިސްރާއީލު އުފެދުމުގެ މާ ކުރިން އިންދާފައިވާ 20 ޒައިތޫނި ގަސް، ގަދަކަމުން ފަލަސްތީނަށް އަރައިތިބި އިޒްރާއީލުގެ ސިފައިން ކަނޑާލައިފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އިޒްރާއީލު ސިފައިންގެ ގުރޫޕަކުން ވަނީ އަލް-މުޣައްޔިރު އަދި އަބޫ ފަލާހް އަވަށާ ދެމެދު އޮންނަ މަރްޖް ސީ ސަރަހައްދަށް ވަދެގަނެފައެވެ. އެމީހުން ގަސްދުގައި އަމާޒުކޮށްފައިވަނީ އެ ސަރަހައްދުގެ އާއިލާތަކުން އެތައް އަހަރެއް ވަންދެން ބަލަހައްޓަމުން އައި ދުވަސްވީ ޒައިތޫނި ގަސްތަކަށެވެ.

އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ފަލަސްތީނުގެ ދަނޑުވެރިންނާއި އެމީހުންގެ ބިންތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިންގި އަމަލެކެވެ. އަދި ފާއިތުވި މަސްތަކުގައި ދަނޑުވެރިކަމަށް ދޭ މިފަދަ ހަމަލާތައް އިތުރުވަމުންދާ ކަމަށްވެސް އެމީހުން ވަނީ އިންޒާރު ދީފައެވެ.

އިތުރުވަމުންދާ ހަމަލާތަކުގެ ތަފާސްހިސާބު
ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހަމައެކަނި ޖެނުއަރީ މަހުގެ ތެރޭގައި އިޒްރާއީލު ސިފައިންނާއި ސެޓްލަރުން ވަނީ 1,872 ހަމަލާއެއް ދީފައެވެ. މީގެ ތެރެއިން 1,404 ހަމަލާއަކީ އިޒްރާއީލު ސިފައިން ދީފައިވާ ހަމަލާތަކެއް ކަމަށާއި، 468 ހަމަލާއަކީ ސެޓްލަރުން ދީފައިވާ ހަމަލާތަކެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ހަމަލާތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމާއި، ގަސްތައް އުފުރުމާއި، ދަނޑުތަކުގައި ހުޅުޖެހުމުގެ އިތުރުން ދަނޑުވެރިން އެމީހުންގެ ބިންތަކަށް ދިޔުން ހުއްޓުވުން ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހު ޣައްޒާގައި އިޒްރާއީލުން ގަތުލުއާންމު ފެށި ފަހުން، ހުޅަނގު އައްސޭރީގައި ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި އިޒްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,117 ފަލަސްތީނު މީހުން ޝަހީދުވެ، 11,500 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އަދި 21,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމަށާއި އެމީހުންގެ ބިންތަކުގައި ދެމިތިބުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ރައްޔިތުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450