ދުނިޔެ
އިލްހާން އޮމަރާއި، ރާޝިދާ ތަލައިބު އެމެރިކާއިން ބޭރުކުރަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އިލްހާން އޮމަރާއި، ރާޝިދާ ތަލައިބު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސްޓޭޓް އޮފް ދަ ޔޫނިއަން ތަޤުރީރުގެ ތެރެއިން އިދިކޮޅު ދެ މެންބަރުން ކަމަށްވާ އިލްހާން އޮމަރާއި ރާޝިދާ ތަލައިބު އިހުތިޖާޖު ކުރުމާ ގުޅިގެން، އެ ދެ ބޭފުޅުން އެނބުރި އައި ތަނަކަށް ފޮނުވާލަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އޭނާ ދެއްވި ތަޤުރީރުގައި ހިޖުރަވެރިންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވަމުން ގެންދެވި ވަގުތު އެ ދެ މެންބަރުން އަޑުގަދަކޮށް ފާޑުކިޔުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދެ މެންބަރުން އަމަލުކުރީ "ފަސާދަވެފައިވާ ސިޔާސީވެރިން" ފަދައިން ކަމަށާއި، އެމީހުން އެމެރިކާއިން ބޭރުކުރަންޖެހޭ ކަމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އެ ދެ ބޭފުޅުންނަކީ "ބުއްދި ގޯސްވެފައިވާ" ބައެކެވެ. އަދި އެމީހުންނަކީ ގައުމަށް ގެއްލުން ދިނުން ފިޔަވައި އެހެން ކަމެއް ކުރެވޭނެ ބައެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ތަޤުރީރުގެ ތެރެއިން ޓްރަމްޕް ހިޖުރަވެރިންނަށް ހިމާޔަތްދޭ ސިޓީތައް ނައްތާލުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އިލްހާން އާއި ރާޝިދާ ވަނީ "ކަލޭ ތިޔަ ގަތުލުކުރަނީ އެމެރިކާ މީހުން!" އޭ ވިދާޅުވެ ހަޅޭއްލަވައިފައެވެ. މިކަމާ ގުޅިގެން އިލްހާން އޮމަރު ފަހުން ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން ހިންގި ހިޖުރަވެރިންނާ ދެކޮޅު އޮޕަރޭޝަންތަކުގައި އޭނާގެ ދާއިރާގެ ދެ ރައްޔިތަކު މަރުވެފައިވާކަން ޓްރަމްޕަށް ހަނދާންކޮށްދޭން ބޭނުންވި ކަމަށެވެ.
ފަލަސްތީނު ދަރިކޮޅުގެ މެންބަރު ރާޝިދާ ތަލައިބު ވެސް ވަނީ ޓްރަމްޕަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ "ދެ މުސްލިމް އަންހެނުން ރައްދު ދީ އޭނާގެ ކުށްތައް ދައްކައިދިނުމުން ޓްރަމްޕަށް ކެތްނުކުރެވުނީ" ކަމަށެވެ. އަދި އޭނާ ވަނީ ޓްރަމްޕަކީ "މަޖްނޫނެއް" ނުވަތަ މޮޔައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޓްރަމްޕްގެ މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ ހަމައެކަނި މި ދެ މެންބަރުންނަށް ނަމަވެސް، އެ ރޭގެ ތަޤުރީރުގައި އިތުރު ބައެއް ޑިމޮކްރެޓިކް މެންބަރުން ވެސް ވަނީ އިހުތިޖާޖުކޮށްފައެވެ. އޭގެ ތެރޭގައި ސާރާ މެކްބްރައިޑް އާއި އަލް ގްރީން ހިމެނެއެވެ. އަލް ގްރީން ވަނީ އިހުތިޖާޖު ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.