ދުނިޔެ
އެއްވެސް ސަބަބަކާ ހުރެ އާންމުން މެރުން ބަލައެއް ނުގަނެވޭނެ ކަމަށް މޯދީ އިޒްރޭލުގެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ
ނަރެންދްރަ މޯދީ ނަތަންޔާހޫ އާއެކު
ހުލާސާ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލުގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކްނެސެޓްގައި ތަގުރީރު ކުރައްވަމުން، އެއްވެސް ސަބަބަކާ ހުރެ އާންމުން މެރުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
އިޒްރޭލަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ ދުވަހު ދެއްވި މި ތަގުރީރުގައި މޯދީ ވަނީ، ގާޒާގައި ހިންގަމުންދާ ގަތުލުއާއްމުގެ ތުހުމަތުތަކާ އެކުވެސް، އިންޑިއާ އޮތީ ސާބިތުކަމާއެކު އިޒްރޭލާއެކު ކަމަށް ވިދާޅުވެފައެވެ.
މޯދީގެ ތަގުރީރުގައި 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ ވަރަށް ރަހުމްކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. "އިންޑިއާ އޮތީ ފުރިހަމަ އިތުބާރާއެކު މިވަގުތުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އިޒްރޭލާއެކު ސާބިތުވެ،" މޯދީ ވިދާޅުވިއެވެ. މިއީ އިންޑިއާގެ ލީޑަރަކު އިޒްރޭލުގެ ކްނެސެޓްގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މޯދީއަށް މަރުހަބާ ދަންނަވައި، އިންޑިއާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. ނަތަންޔާހޫ މޯދީ ސިފަކުރެއްވީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައެއް ނޫނެވެ، އޭނާ ވިދާޅުވީ މޯދީއަކީ "އަޚެއް" ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ދުނިޔޭގެ ހަމަޖެހުމާއި ކުރިއެރުމަށް މުހިންމު ގުޅުމެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ޣައްޒާގެ ސުލްހައިގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ސުލްހައިގެ އިސްނެގުމަށް އިންޑިއާގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. އަދި މިއީ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ލިބިގެންދާނެ މަގެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއަކީ އިޒްރޭލުގެ ހަތިޔާރު އެންމެ ގިނައިން ގަންނަ ގައުމެވެ. 2020 އާއި 2024 އާ ދެމެދު އިންޑިއާއިން ވަނީ 20.5 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލުން ގަނެފައެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އާއި ކުއަންޓަމް ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.
މޯދީގެ މި ދަތުރުފުޅާ ދިމާކޮށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިންޑިއާގެ އާންމު ރައްޔިތުންގެ މެދުގައި އިޒްރޭލާ މެދު އޮތް ނުރުހުން ބޮޑުވަމުންދާ ދަނޑިވަޅެއްގައި މޯދީ މިފަދަ ދަތުރުފުޅެއް ކުރެއްވުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.