ދުނިޔެ
އީރާނުގެ އަސްކަރީ ޤާބިލުކަން ކުޑަކޮށް ނުދެކުމަށް ބުނެ ޓްރަމްޕަށް އީރާނުން އިންޒާރު ދީފި
މިސައިލެއް. ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ކިބައިން އަމިއްލަ ނަފްސާއި ޤައުމު ދިފާޢުކުރުމުގައި އީރާނުން "ޝަރުޢީ އެއްވެސް ގޮތެއް ދޫކޮށްނުލާނެ" ކަމަށް ބުނެ، އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ކުޑަކޮށް ނުދެކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ އިޓަލީގައި ހުންނަ އީރާނުގެ އެމްބަސީންނެވެ.
މި އިންޒާރު އައިސްފައިވަނީ ޔޫރަޕާ ހަމައަށް ފޯރާ މިސައިލް އީރާނުގައި އެބަހުރި ކަމަށާއި ނަމަވެސް އެމެރިކާއާ ހަމައަށް ފޯރާނެ މިސައިލެއް އެ ޤައުމުގައި ނެތް ކަމަށް ބުނެ، މި ހަފުތާގެ ކުރީކޮޅު ރައީސް ޓްރަމްޕް ދެއްކި ވާހަކައާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއަށް އެމެރިކާއާ ހަމައަށް ވާސިލްވުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު ކުޑަކޮށް ނުދެކުމަށް އެމްބަސީން ވަނީ ގޮވާލާފައެވެ.
އިޓަލީގައި ހުންނަ އީރާނުގެ އެމްބަސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މިސައިލެއްގެ ރޭންޖަކީ ނުވަތަ ދުރަށް ދަތުރުކުރުމުގެ ބާރަކީ ގޮތް ނިންމާ މައިގަނޑު އަސާސެއް ނޫން ކަމަށެވެ.
"މުހިންމީ އަމިއްލަ ނަފްސު ދިފާޢުކުރުމަށް ޤައުމެއްގައި އޮތް އަޒުމް – އަދި އޭގެ އިސްތިޤުލާލާއި، ރައްކާތެރިކަމާއި، ކަރާމާތް ޙިމާޔަތްކުރުމުގައި ޝަރުޢީ އެއްވެސް ގޮތެއް ދޫކޮށްނުލުމަށް އޮތް ސާބިތުކަން. އެ އަޒުމް ދުވަހަކުވެސް ކުޑަކޮށް ނުދެކޭތި،" އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އީރާނުން ދުރު ރާސްތާގެ މިސައިލް އުފައްދަމުންދާތީ ރައީސް ޓްރަމްޕް ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ކޮންގްރެސްއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެންމެ ފަހުން އެމެރިކާއާ ހަމައަށް ފޯރާވަރުގެ މިސައިލްތަކެއް އީރާނުން ތަރައްޤީކުރަމުންދާ ކަމަށެވެ.
ނަމަވެސް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މައި ސަރަހައްދަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ، ބައްރުން ބައްރަށް ފޮނުވާލެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އީރާނުން އުފެއްދުމާ ގާތްވެފައިވާ ކަމަށް ބުނާ ބުނުމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ވަޒަންކުރުންތަކުން ބާރެއް ނުދެއެވެ.