ދުނިޔެ
ސައޫދީގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
ރާނުގެ މަދަދު ލިބޭ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޖާޒާނަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް. ފޮޓޯ: އޭއެފްޕީ
ސައޫދީ އަރަބިއްޔާގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ބެލިސްޓިކް މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހޮނިހިރު ދުވަހު ހުއްޓުވައި، ވައިގެ ތެރޭގައި ގޮއްވާލައިފިއެވެ.
މިކަން ހާމަކުރައްވައި އަރަބި ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ މީސްމީޑިއާގައި ވިދާޅުވީ، ދެކުނުގެ ސަރަހައްދުތަކަށް ދިން މި ހަމަލާ ދިފާއީ ބާރުތަކުން ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ސައޫދީގެ ސިވިލް ޑިފެންސް އިދާރާއިން ޚަމީސް މުޝައިތު އަދި ޖާޒާން ޕްރޮވިންސަށް އިންޒާރުގެ އެލާޓް ނެރުނެވެ. ނަމަވެސް ނުރައްކާ ފިލައިދިއުމާއެކު މާ ގިނައިރުތަކެއް ނުވެ އެ އެލާޓްތައް ވަނީ އުވާލާފައެވެ.
މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ކުރީކޮޅު ވެރިރަށް ރިޔާޒަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ކްރޫޒް މިސައިލެއްވެސް ދިފާއީ ބާރުތަކުން ދެނެގަނެ، ވައްޓާލާފައިވާ ކަމަށް އަލްމާލިކީ ވިދާޅުވިއެވެ. މިއީ ސައޫދީއާ ދެކޮޅަށް ހޫޘީން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތައް އަނެއްކާވެސް އިތުރުކޮށްފައިވާ ދަނޑިވަޅެކެވެ.
ފާއިތުވި ދުވަސްތަކުގައިވެސް ހޫޘީން ވަނީ ސައޫދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ސައޫދީގެ ހުޅަނގުދެކުނުގައި، ރަތްކަނޑުގެ އައްސޭރީގައި ހުންނަ ޖާޒާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދިން ހަމަލާއެއްގައި ނޭޕާލް މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ. ދުވާލަކު 400,000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ މި ކާރުޚާނާގެ އިތުރުން، ބުދަ ދުވަހު ޖާޒާން ބަނދަރަށްވެސް ވަނީ ހަމަލާއެއް އަމާޒުވެފައެވެ. އެ ހަމަލާގައި މީހަކަށް ގެއްލުމެއް ނުވި ނަމަވެސް، ބަނދަރަށް ކުދިކުދި ގެއްލުންތައް ލިބުނެވެ.
ހަމައެއާއެކު، ހިނގަމުންދާ ހަފުތާގެ ކުރީކޮޅު ރިޔާޒުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ޓަވަރަކަށް ދިން ހަމަލާއެއްގައި 11 މީހުން ޒަޚަމްވި ކަމަށް ސައޫދީ ސިވިލް ޑިފެންސުން ރިޕޯޓްކޮށްފައިވެއެވެ.