ދުނިޔެ

އީރާނުން ފުރި ބޯޓެއް އެމެރިކާއިން ހުއްޓުވައިފި

އީރާނުން ފުރި ބޯޓެއް އެމެރިކާއިން ހުއްޓުވައިފި

ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2026، 04:04

28 ނޮވެމްބަރު 2026، 04:04

އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން ފޫއަޅުވާލައި ފުރަން އުޅުނު ވިޔަފާރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އެ ބޯޓުގެ އިންޖީނު ހުއްޓުވައި ބާރު ކަނޑުވާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މުޝީރަކު ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް މުގުރާލާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ބަންދަރު އައްބާސް ސިޓީގެ ބަނދަރުން ފުރައިގެން ދިޔަ ޕަލާއު ދިދަ ޖެހި 'އެމްވީ ޕެސިފިކް އާޗަރ' ނަމަކަށް ކިޔާ ބޯޓަށް އޮމާން ކަނޑުގެ ސަރަހައްދުން ބުރާސްފަތި ދުވަހު އަސްކަރީ މަތިންދާބޯޓުތަކުން އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާގައި ބޯޓުގެ އިންޖީނުގެ ބާރު ކެނޑި ދަތުރު ނުކުރެވޭ ގޮތްވި ނަމަވެސް، އޭގައި ތިބި އާންމު ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކޮމާންޑުން ހާމަކުރެއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތައް އަސްކަރީ ގޮތުން ބަންދުކުރަން ފެށީ މި އަހަރުގެ ޖުލައި މަހުގައެވެ. އަދި މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނުގެ އެއްގަމު ސަރަހައްދީ ރޮނގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ހަތިޔާރާއި މަނާ މުދާ އެތެރެކުރުން ހުއްޓުވުމަށް 'ޓާސްކް ފޯސް އަޔަން ގޭޓް' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް އިއުލާނުކޮށްފައެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ މުޝީރު މުހައްމަދު މުޚްބަރު ވިދާޅުވީ އެމެރިކާގެ މި ދަތިކުރުމުގެ ފިޔަވަޅުތައް ފޫއަޅުވާލާނެ ކަމަށެވެ. "ހޮރްމުޒް ކަނޑުއޮޅިއެއް އަލުން ނުހުޅުވާނެ. އަދި އަޅުގަނޑުމެންގެ ބަނދަރުތައް ބަންދުކޮށްފައި ބަހައްޓަން ވެސް ފުރުސަތެއް ނުދޭނަން،" އީރާނުގެ ދައުލަތުގެ މީޑިއާއަށް މުޚްބަރު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝަހްރާމް އިރާނީ އެ ގައުމުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، ދުޝްމަނުންގެ ބަންދު ފޫއަޅުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގައުމުގެ ބަނދަރުތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އަދި ހުރިހާ ޕްރޮޕެގެންޑާތަކާ ދެކޮޅަށް، ކަނޑުބޯޓުފަހަރަށް ހިމާޔަތް ދިނުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ބޯޓުތަކުގެ ވެރިންނާއި ފަޅުވެރިންގެ ހައްގުގައި ސިފައިން ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ އިގްތިސާދުގެ މައިނާރު ބުރިކޮށްލަން ދުޝްމަނުން ކުރާ މަސައްކަތް މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450