Ads by PNC

ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1،000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފި

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1،000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފި

ހުޅުމާލޭގެ 3ވަނަ ފިޔަވަހީގެ ބިން ހިއްކާފައި / ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ފެބްރުއަރީ 2026، 09:58

26 ފެބްރުއަރީ 2026، 09:58

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1،000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށް ހުޅުވާލާފައިވާ މި ޕްރޮޖެކްޓާ ގުޅިގެން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެކި ފަންތިއަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފަވާ މަޝްރޫޢުއެއް ކަމަށެވެ.

މި ހައުސިން ޔުނިޓުތަކަކީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީގެ ހައުސިން މަޝްރޫޢެކެވެ.

"އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮޖެކްޓަކީ ހުރިހާ ފަންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ޚިއްޞާ އޮންނަ ކުންފުނިތަކަށެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކުގެ ޙިއްޞާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުން ކަމަށެވެ. 

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން ވެސް އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޕްރޮޖެކްޓެއް ފަށާފައެވެ. އެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 3،272 ޔުނިޓްގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގައި ތަރައްޤީކުރަނީ ވިލިމާލެއިން 312 ފްލެޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 546 ޔުނިޓް އަދި ހުޅުމާލެ 3 ވަނަ ދިޔަވަހިން 2،414 ހައުސިންގ ޔުނިޓެވެ.

މިވަގުތު އެކި މަރުޚަލާތަކުގައި 9،000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ހާމަކުރައްވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450