ދީން
ރަމަޟާން މަހަކީ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު: ޚުޠުބާ
މިސްކިތެއްގައި ރޯދަ ވީއްލަން ތައްޔާރުވެގެން ތިބި ބައެއް
ރަމަޟާން މަހަކީ ޖިހާދުގެ މައްސަރު ކަމަށާއި މި މަހަކީ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރަށް ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ނަޞްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫގެ މައްޗަށް އިއްވި ޚުޠުބާގައި ބުނެފައިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫންކަމަށެވެ.
"މިއީ ޖިހާދުގެ މައްސަރު. އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު، މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ"، ޚުޠުބާގައި ބުނެފައިވެއެވެ.
ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި الله سُبْحَانَهُ وَتَعَالَى އޭނާއަށް ޙަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބޭން ހުންނަ ޙާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާޙާލުގައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ދުރުހެލިވެގެން ހުންނަ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކެތްތެރިކަން އިތުރުވެ، ޝައިޠާނީ ގޮވުންތަކާއި ހަވާނަފުސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޭނާއަށް ލިބޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މި މަތިވެރި ޖިހާދުގައި ލިބޭ ކާމީޔާބީއަކީ މުޅި އަހަރުދުވަހު الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ ޢަމަލުތަކުން ދުރުހެލިވުމަށް ލިބޭ ނުހަނު މަތިވެރި ތަމްރީނެއް ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ޙާޞިލުކުރި މައްސަރު ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރު ހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހު ކަމަށާއި، ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ "ޔައުމުލްފުރުޤާނު"ގެ ނަމުން އެ ދުވަހަށް الله سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ނަންދެއްވުން ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަޙަކަމުގައިވާ މައްކާ ފަތަޙަކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަ ދުވަހު، އެ ފަތަޙައެއްގެ ސަބަބުން މުޅި ޢަރަބިކަރަ ފަތަޙަވި، މުސްލިމުންގެ ދިހަ ހާސް މުޖާހިދުންނާ އެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއަށް ވެދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައި، މި ޙާދިސާއިން އަހަރެމެންނަށް އެނގެނީ ޙަޤީޤީ ކާމިޔާބަކީ ބާރުލިބޭ ހިނދު، އަނިޔާވެރިވުން ނޫންކަމާއި، ރޯދައިގެ ރޫޙާނީ ތަރުބިޔަތުން އޭނާގެ ނަފުސު ތަހުޒީބުކުރުން، ރޯދަވެރިޔާގެ ޙަޤީޤީ ކާމިޔާބުއޮތީ ރިވެތި އަޚުލާޤުން އޭނާގެ ނަފުސު ތަހުޒީބުކުރުމުގައި.
ހުކުރު ޚުޠުބާ
ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރޭ، އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ.
ހުކުރު ޚުޠުބާ
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއް ކަމަށާއި، މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ހަމައެއާއެކު އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެންދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިޙުސާންތެރިވާންވާނެ ކަމަށާއި، އިސްލާމްދީނަކީ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ދީން ކަމަށް ޚޠުބާގައި ބުނެފައިވެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުވާން ޖެހޭ ކަމަށާއި، ފަތުރުވެރީންނަށް ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާންވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ދީނީ ގޮތުން ހުއްދަވާނޭކަމެއްނޫން، މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ކަމަށް ޓަކައި، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ، ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެ، މީގެ އިތުރަށް، ފަތުރުވެރީން ވެސް ޢާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާޢީ މިންގަޑަށް ފެތޭ ގޮތަށް އުޅުމަށް އެ މީހުންނަށް އިރުޝާދުދިނުމަށް ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކާއި ކައުންސިލުތަކަށް އިލްތިމާސްކުރަން.
ހުކުުރު ޚުޠުބާ
ލޯކަލްޓޫރިޒަމްގެ މާނައަކީ، އަމިއްލަ ސަޤާފަތާއި އާދަކާދައިގެ މައްޗަށް ހިނގާ ފަތުރުވެރިކަން ކަމަށާއި، މިކަމުގެ ސަބަބުން އަހަރެމެންގެ ކުޑަކުޑަ މުޖު ތަމަޢުތަކަށް އިޖުތިމާޢީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރުން ސަލާމަތްވާން މަސައްކަތްކުރާން ޖެހޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ބަރަހަނާ މަންޒަރުތަކާއި ނިވައިކަންކުޑަ މަންޒަރުތަކުން ކުޑަކުދިންނާއި ކިޔަވާކުދިންނާއި ޢާއިލާތަކަށް ކުރަމުންދާ ނޭދެވޭ އަސަރުން ސަލާމަތްކޮށްދޭން ޖެހޭ ކަމަށާއި، ރަށްތަކުގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، މިކަމާ ގުޅިގެން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ތަބަޢަވާން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.