Ads by PNC

ޚަބަރު

ރާއްޖޭގެ 19 ސަރަހައްދެއްގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރަައްޤީކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން: ވަޒީރު އާދަމް ޝަރީފް ޢުމަރު

ރާއްޖޭގެ 19 ސަރަހައްދެއްގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރަައްޤީކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން: ވަޒީރު އާދަމް ޝަރީފް ޢުމަރު

ވަޒީރު އާދަމް ޝަރީފް ޢުމަރު---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ފެބްރުއަރީ 2026، 03:02

27 ފެބްރުއަރީ 2026، 03:02

ރާއްޖޭގެ 19 ސަރަހައްދެއްގައި އަލަށް ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ރަނގަޅުގޮތުގައި ބަލަހައްޓައި މަރާމާތު ކުރުމަށްޓަކައި، މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި ޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ހުރި 7 ޔުނިޓުގެ އިތުރުން އަލަށް އުފައްދާ 19 ޔުނިޓަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ޔުނިޓަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދާއި ވަސީލަތްތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. "މިހާރު އަޅުގަނޑުމެންވާނީ އެ ވަސީލަތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީގައި ދަންނަވާފައި. އުންމީދު ކުރެވެނީ ކުރިއަށް އޮތް 2 މަހެއްހާ ދުވަސްތެރޭގައި ތަކެތި ލިބޭނެކަމަށް. އަދި އެއިރަށް ވާއިރު އެތަންތަނަށް ބޭނުންވާ މީހުން ނެގުމުގެ މަސައްކަތްވެސް ފައްޓާނަން،" ވަޒީރު ވިދާޅުވިއެވެ.

މި ޔުނިޓްތައް ހިންގުމަށްޓަކައި ގާތްގަނޑަކަށް 500 އެއްހާ މުވައްޒަފުން އަލަށް ވަޒީފާއަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މަސައްކަތްތެރިން ހިމެނެއެވެ. އަދި މި ޔުނިޓްތަކަށް ގެނެވޭ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާނެއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން މުނިސިޕަލް ޚިދުމަތަކީ ކޮންމެ ކައުންސިލަކުންވެސް ފޯރުކޮށްދޭން ޖެހޭ ޚިދުމަތަކަށްވާއިރު، ކުރިއަށް އޮތްތަނުގައި ވަކިވަކި ރަށްރަށަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކަށް މީހުން ތަމްރީނު ކުރުމާއި ވަސީލަތްތައް ހޯދައިދިނުމުގައި ކައުންސިލްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޔުނިޓްތަކަކީ ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ތަންތަނެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، ރަށްރަށުގެ މުނިސިޕަލް އެކި ޚިދުމަތްތައް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450