ދުނިޔެ
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާތީ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އަލްބަނީސްގެ އާއިލާއިން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީސް
އިސްރާއީލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން، އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕަޓުއާ، ފްރަންޗެސްކާ އަލްބަނީސްއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އޭނާގެ އާއިލާއިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ ވޮޝިންޓަންގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅީ އަލްބަނީސްގެ ފިރިކަލުން މަސިމިލިއާނޯ ކާލީއެވެ.
މި ދައުވާގައި ބުނެފައިވަނީ ޓްރަމްޕްގެ ސަރުކާރުން އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އެޅީ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ، ހަތަރުވަނަ އަދި ފަސްވަނަ އިސްލާހާ ހިލާފަށް ކަމަށެވެ. އަދި އެކަށީގެންވާ ގާނޫނީ މަރުހަލާއެއް ނެތި އޭނާގެ މުދާ ހިފަހައްޓާފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ. އަލްބަނީސްގެ ފިރިކަލުންނަކީ ޓިއުނީޝިއާގައި ހުންނަ ވޯލްޑް ބޭންކުގެ އިސް އިކޮނޮމިސްޓެކެވެ. މި އާއިލާގައި ހިމެނޭ އަލްބަނީސްގެ ދަރިފުޅަކީ އެމެރިކާގެ ރައްޔިތެކެވެ.
ޖުލައި މަހު އެމެރިކާއިން އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އެޅީ ގާޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ތަހުގީގު ކުރާތީއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް އެމެރިކާއަށް ދަތުރުކުރުން މަނާވެ، އެ ގައުމުގައި ހުރި އޭނާގެ މުދަލާއި ފައިސާ ވަނީ ހިފަހައްޓާފައެވެ. މީގެ ތެރޭގައި ވޮޝިންޓަންގައި ހުރި އޭނާގެ ގެވެސް ހިމެނެއެވެ. އެމެރިކާ ސަރުކާރުން ބުނެފައިވަނީ އަލްބަނީސް އަކީ އޭނާގެ މަގާމަށް "ކުފޫ ހަމަނުވާ" މީހެއް ކަމަށާއި އޭނާ ކުރަނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅު ހަރަކާތްތަކެއް ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އަލްބަނީސް ބުނެފައިވަނީ މި ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ އާއިލާއަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. "މިއީ އަހަރެންގެ މައިވަންތަކަމާއި އާއިލީ ގުޅުންތައް ކުށްވެރިކުރުން ކަހަލަ ކަމެއް،" ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. ނަމަވެސް، ކިތަންމެ ބޮޑު ދަތިތަކެއް ކުރިމަތިވި ނަމަވެސް އިންސާފަށްޓަކައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އެޅި އެއް ސަބަބަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާއެކު އޭނާ ކުރާ މަސައްކަތްތަކެވެ. އަލްބަނީސްއާއި އެހެނިހެން މާހިރުންގެ ރިޕޯޓުތަކަށް ރިއާޔަތްކޮށް، އައިސީސީން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. މި ދައުވާގެ މައިގަނޑު ބޭނުމަކީ އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ގާނޫނުއަސާސީއާ ހިލާފު ފިޔަވަޅުތަކެއް ކަމަށް ކަނޑައެޅުމެވެ.