ދުނިޔެ

އިޒްރާއީލުގެ ހުރަސްތަކާއެކުވެސް ރަމަޟާން މަހުގެ ދެވަނަ ހުކުރުގައި 100،000 މީހުން މަސްޖިދުލް އަޤްޞާގައި ނަމާދުކޮށްފި

އިޒްރާއީލުގެ ހުރަސްތަކާއެކުވެސް ރަމަޟާން މަހުގެ ދެވަނަ ހުކުރުގައި 100،000 މީހުން މަސްޖިދުލް އަޤްޞާގައި ނަމާދުކޮށްފި

ފަލަސްޠީނުގެ މުސްލިމުން އަލް އަޤްޞާގައި ނަމާދުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ފެބްރުއަރީ 2026، 10:31

27 ފެބްރުއަރީ 2026، 10:31

އިޒްރާއީލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ރަމަޟާން މަހުގެ ދެވަނަ ހުކުރު ނަމާދުގައި ބައިވެރިވުމަށް ފަލަސްތީނުގެ ގާތްގަނޑަކަށް 100،000 މީހުން އިސްތިއުމާރުކޮށްފައިވާ ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަށް ޖަމާވެއްޖެއެވެ.

 އިޒްރާއީލުގެ ސަލާމަތީ ބާރުތަކުން މުޅި ސިޓީގައި ފޯރިމަރަމުންދިޔައިރު، ހުޅަނގު އައްސޭރިން އައި މީހުން ގަލަންޑިއާ ޗެކްޕޮއިންޓުން ވަނުމުގެ ކުރިން ވަނީ ވަރަށް ބޮޑަށް ބަލައި ފާސްކޮށްފައެވެ.

ރަމަޟާން މަސް ފެށުނުއިރު އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުކުރު ނަމާދަށް ވަދެވޭނީ ދުވާލަކު އެންމެ 10،000 މީހުންނަށް ކަމަށް ކަނޑައަޅައި ހަރުކަށި އުސޫލުތަކެއް ހަމަޖައްސާފައެވެ. މި އުސޫލުގެ ދަށުން މިސްކިތަށް ވަނުމުގެ ހުއްދަ ދެނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންނަށް، އަދި އާއިލާގެ މީހަކާއެކު އަންނަ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެކަންޏެވެ.

މީގެ އިތުރުން، އިޒްރާއީލުން ވަނީ ގުދުސްގެ 280 ރައްޔިތުންނަށް އަޤްޞާ މިސްކިތަށް ވަނުން މަނާކޮށްފައެވެ. މީގެ ތެރޭގައި ދީނީ އިލްމުވެރިންނާއި، ނޫސްވެރިންގެ އިތުރުން ކުރިން ޖަލަށްލާފައިވާ މީހުން ހިމެނެއެވެ. ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި މިއީ ފަލަސްތީނުގެ މުޖުތަމައުތަކަށް ނުފޫޒު ފޯރުވައި، ގުދުސްގެ ސަގާފީ އައިޑެންޓިޓީ ފޮހެލުމަށް ކުރާ މަސައްކަތެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގާޒާގައި ފެށި ގަތުލުއާންމަށްފަހު މި ހުރަސްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

އިޒްރާއީލުން ކަނޑައެޅި 10،000 މީހުންގެ ލިމިޓަށްވުރެ ގިނަ މީހުން މިސްކިތަށް ޖަމާވި ނަމަވެސް، ހުއްދަ އޮތް އެތައް ބަޔަކަށް ވަނީ މިސްކިތަށް ނުވަދެވި އަނބުރާ ފޮނުވާލާފައެވެ. ހެބްރޮން އިން ދަތުރުކުރި ނަޖާތީ އޮވައިދާ ބުނި ގޮތުގައި އޭނާގެ އަތުގައި ހުއްދަ އޮތް ނަމަވެސް އިސްރާއީލު ސިފައިން ވަނީ އޭނާ ހުއްޓުވާފައެވެ. "އަހަރެން ބޭނުންވަނީ ހަމައެކަނި އަޤްޞާގައި ނަމާދުކޮށްލަން. އަހަރެން ހުއްޓުވަނީ ކީއްވެ؟" އޭނާ ސުވާލު އުފެއްދިއެވެ.

ނާބްލަސް އިން ދަތުރުކުރި އަލީ ނަވާސް ކިޔާ މީހަކު ކިޔައިދިން ގޮތުގައި، އޭނާގެ އަންހެނުންގެ އަތުގައި ހުއްދަ އޮތް ނަމަވެސް ގަލަންޑިއާ ޗެކްޕޮއިންޓުން އޭނާ ވަނީ އަނބުރާ ފޮނުވާލާފައެވެ. "އަހަރެންނަށް މަޖުބޫރުވީ އޭނާއާއެކު އެނބުރި ދާން. އޭނާ އެކަނި ނާބްލަސްއަށް ފޮނުވާލާނީ ކިހިނެއް؟" އޭނާ ބުންޏެވެ. މިފަދަ ހުރަސްތަކާއެކުވެސް، އިސްލާމިކް ވަޤްފުން ބުނާ ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައިވެސް 80،000 މީހުން ވަނީ އަޤްޞާގައި ނަމާދުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450