ޚަބަރު
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނަރެއް ބަހައްޓައިފި
ބޮޑީ ސްކޭނަރު ބެހެއްޓުން/ފޮޓޯ: ކަރެކްޝަންސް
މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް، ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނަރެއް އެތަނުގައި ބަހައްޓައިފި އެވެ.
ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު މާފުށީ ޖަލަށް ގެންދެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވެސް ދާދި ފަހުން އިޢުލާން ކުރެއްވިއެވެ.
މާފުށީ ޖަލުގައި ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ. މިއީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނަކަށްވީއިރު، މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިންކަމަށް މޯލްޑިވްސް ކަރެކަޝަނަލް ސަރވިސް އިން މަޢުލޫމާތުދެއެވެ. މިއީ ސަރުކާރުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދެއްވި މެޝިނެކެވެ.
މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އިފްތިތާހު ކޮށްދެއްވައިފި. މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް، އަދި މާފުށި… pic.twitter.com/VvSJ8j2UiJ
— Maldives Correctional Service (@CorrectionsMv) February 28, 2026
ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަޤީންކަން ވަޒީރު އިޙްސާން ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު، މީގެ ސަބަބުން ޖަލުން ސްކޭމް ކޯލް ކުރުމާއި، މި ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުމަކަށް ގެނެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ގިނައިރު، ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަރެކްޝަންސްގެ 19 އޮފިސަރެއް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެހެންމެ، ސިފައިންނާއި ފުލުހުން އަދި ޖަލު އޮފިސަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޖަލުން ގިނަ ޢަދަދެއްގެ ފޯނު ވެސް މީގެ ކުރިން ވަނީ އަތުލައިގަނެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި މެޝިން މެދުވެރިކޮށް، މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި އެހެނިހެން ބޭނުންތަކުގައި ވެސް ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.