ދުނިޔެ
އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި: މެދުއިރުމަތީގެ މަޝްރަޙު ނުތަނަވަސްވެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި
އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިޢުލާން ކޮށްފިއެވެ. މި ހަމަލާތަކާއެކު މުޅި ސަރަޙައްދުގެ މަޝްރަޙު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
ތެހެރާނުން ލިބޭ ރިޕޯޓްތަކަށް ބަލާއިރު، އެ ރަށުގެ އެކި ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވި، ބޯ ދުންތައް ވަނީ އަރަން ފަށާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ތެހެރާން ޔުނިވަރސިޓީ ކައިރިއަށާއި ސައްޔިދު ފޭމިލީ ޑިސްޓްރިކްޓަށް ވަނީ މިސައިލް ހަމަލާތަކެއް އަރާފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް ބެލުމަށާއި، މީހުން ސަލާމަތްކުރުމަށް އިމަޖެންސީ ޓީމުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އިސްރާއީލުގެ ހުރިހާ ތަޢުލީމީ މުއައްސަސާތަކެއް ބަންދުކޮށް، މަދަނީ ފްލައިޓްތަކަށް އެ ޤައުމުގެ ވައިގެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ. އަދި ރައްޔިތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ އަންގަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާއަކީ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ދިން "ޕްރީއެމްޕްޓިވް" ނުވަތަ އިސްވެ ދިން ހަމަލާތަކެކެވެ.
މި ހަމަލާތަކުގެ އަސަރު މުޅި މެދުއިރުމައްޗަށް ވަނީ ފެތުރިފައެވެ. ޤަޠަރުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެތަނުގެ މުވައްޒަފުންނާއި އެމެރިކާގެ ރައްޔިތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އަންގާފައެވެ.
މި ހާލަތު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެތީ ދުނިޔޭގެ ޤައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އީރާނުން މި ހަމަލާއަށް ރައްދުދޭނެ ގޮތަކާމެދު މިހާރު ވަނީ ބޮޑު ސުވާލެއް އުފެދިފައެވެ.