ދުނިޔެ
ސެންޓްރަލް ބޭންކަށް ބޭނުންވާ ފައިސާ އުފުލި ބޮލީވިއާގެ އަސްކަރީ ބޯޓެއް ވެއްޓި 15 މީހުން މަރުވެއްޖެ
ބޮލީވިއާގައި ވެއްޓުނު އަސްކަރީ މަތިންދާ ބޯޓު ފޮޓޯ: ސީއެންއެން
ބޮލީވިއާގެ ހުޅަނގުގެ ރަށެއް ކަމަށްވާ އެލް އަލްޓޯއަށް އަސްކަރީ ކާގޯ ބޯޓެއް ވެއްޓި، މަދުވެގެން 15 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 18:15 (ޖީއެމްޓީން 22:15) ހާއިރު، ބޮލީވިއާގެ ސަންޓާ ކްރޫޒް ސިޓީން ފުރައިގެން އެލް އަލްޓޯގެ އެއާޕޯޓަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެވެ. އޭވިއޭޝަން އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ރަންވޭއިން ކަސިޔާރުވެގެން ގޮސް ކައިރީގައި ހުރި އުޅަނދުތަކުގައި ވަނީ ޖެހިފައެވެ.
ބޮލީވިއާގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދިން ގޮތުގައި، ވެއްޓިފައިވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކަށް ބޭނުންވާ ފައިސާ އުފުލި 'ސީ-130 ހަރކިއުލިސް' މަރުކާގެ ބޯޓެކެވެ. ބޯޓު ވެއްޓުނު އިރު އޭގައި އަށް މީހުން ތިބި ކަމަށް އެއާފޯސް ކޮމާންޑަރު ސާޖިއޯ ލޯރާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް އެއްވި ބައެއް މީހުން ބޯޓުން ފޭބި ފައިސާތައް ފޭރެން މަސައްކަތް ކުރުމާ ގުޅިގެން، ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްގެން އެމީހުން ދުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުން އައްޑަނަ ހިފައިގެން ސަފު ހަދައިގެން ތިއްބާ، ބައެއް މީހުން ވަނީ ފުލުހުންނާ ދިމާލަށް އޮއްގަލުން ހަމަލާދީފައެވެ. މި ހަމަލާތަކުގައި ބައެއް ނޫސްވެރިންނަށްވެސް އަނިޔާވެ، މީޑިއާގެ ބައެއް ވަސީލަތްތަކަށް ގެއްލުންވެފައިވާ ކަމަށް އެ ގައުމުގެ ނޫސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.
ފައިސާ ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ދިފާއީ ވަޒީރު މާސެލޯ ސަލީނަސް ވިދާޅުވީ، އެ ބޯޓުގައި ހުރި ފައިސާއަކީ އަދި ސެންޓްރަލް ބޭންކުން ދޫކޮށްފައިވާ ފައިސާއެއް ނޫން ކަމުން، އޭގައި އެއްވެސް ގާނޫނީ އަގެއް ނުހުންނާނެ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރަން އުޅުމަކީ ކުށެއް ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
ބޮލީވިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ހާދިސާގައި 31 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ލޭ ހަދިޔާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ބޯޓު ވެއްޓުމާ ގުޅިގެން އެލް އަލްޓޯ އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާއިރު، މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބޯޓު ވެއްޓުނު ވަގުތު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގަނޑުފެން ފައިބައި ހޮނުއަޅަމުން ދިޔައެވެ. އެވަގުތު މަގުމަތީގައި ދުއްވާފައި ދިޔަ ބައެއް އުޅަނދުތަކުގެ މައްޗަށް ބޯޓުގެ ބައިތައް ވެއްޓި، އާންމުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.