ވިޔަފާރި / ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަައު ގަވާއިދުތަކާއެކު ލޭބަލްކުރުން ހަރުދަނާކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް!

ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަައު ގަވާއިދުތަކާއެކު ލޭބަލްކުރުން ހަރުދަނާކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް!

ބޭރުމީހުން ތަައްޔާރުކޮށް ޕެކްކޮށްފައިވާ ނުތާހިރު ކާބޯތަކެތި އިމިގްރޭޝަނުން ހިފެހެއްޓުން ފޮޓޯ؛ އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ފެބްރުއަރީ 2026، 01:03

28 ފެބްރުއަރީ 2026، 01:03

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަސްދީގުކުރެވުނު "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤާނޫނު ތަސްދީގުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުއެވެ.

މި ޤާނޫނަކީ ކާބޯތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމާއި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ހެދިފައިވާ މުހިންމު ޤާނޫނެކެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ކާބޯތަކެތި ހެދުމެވެ.

އެމް.އެފް.ޑީ.އޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ ޚާލިސާ މުޙައްމަދު ވިދާޅުވީ، މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 21 ގަވާއިދެއްގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން ކާބޯތަކެތި ޕެކޭޖުކުރުމާއި ލޭބަލްކުރުމާ ގުޅޭ ގަވާއިދުގެ ފައިނަލް ޑްރާފްޓް މިހާރު ވަނީ ނިމިފައެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާޔާއެކު، މި ގަވާއިދު ފައިނަލްކުރުމަށް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.

ރާއްޖޭގެ މާކެޓުގައި ހިމެނޭ ކާބޯތަކެތީގެ 96 އިންސައްތައަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތި ކަމަށްވާއިރު، އާ ގަވާއިދުގެ ދަށުން ލޭބަލްކުރުމުގެ މިންގަނޑުތައް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެއެވެ. ޚާލިސާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ޕޯޓުން މުދާ ދޫކުރުމަށްފަހު ރީ-ލޭބަލް ކުރުމަށް ދެވޭ ފުރުޞަތު މި ޤާނޫނާއެކު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ.

އައު ގަވާއިދުގެ ދަށުން ލޭބަލްގައި ހިމެނުން ލާޒިމްކުރާ ކަންތައްތަކުގެ ތެރޭގައި:

  • އުފެއްދި ކުންފުނީގެ މަޢުލޫމާތު.
  • އުފެއްދުމަށް ބޭނުންކުރި ބާވަތްތަކާއި އެލަޖީއާ ގުޅޭ މަޢުލޫމާތު.
  • މުއްދަތު ހަމަވާ ތާރީޚާއި ރައްކާކުރަންޖެހޭ ފިނިހޫނުމިން.
  • ލޭބަލް ހުންނަންޖެހޭނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން.


މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައި ހުންނަ ތަކެތި ވިއްކާ ފަރާތްތައް 10,000 އާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އިހުމާލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ ފަރާތެއް 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ޤާނޫނުން ލިބިދެއެވެ.

އެމް.އެފް.ޑީ.އޭ އިން ބުނީ މި ގަވާއިދުތަކުގެ ބޭނުމަކީ ވިޔަފާވެރިންނަށް ފިޔަވަޅު އެޅުން ނޫން ކަމަށާއި، އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނަށް ލިބޭ ކާބޯތަކެތީގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450