ދުނިޔެ
އަބޫދާބީގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
އަބޫދާބީގައި ގޮވުންތަކެއް ގޮވާ ދުން އަރަނީ ފޮޓޯ ސީއެންއެން
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ "ވާމް" އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
އަބޫދާބީގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ސިޓީގެ މަތިން ދުން އަރަމުންދާ މަންޒަރު ފެންނަ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ. މި ގޮވުންތައް ގޮވަން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޔޫއޭއީ ސަރުކާރުން ބުނެފައިވަނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ. ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައެއް ފްލައިޓްތައް ވަނީ އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށްފައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފެށުމާއި އެކު، މެދުއިރުމަތީގެ މަސްރަޙް މި ވަނީ ހޫނުވެގެން ގޮސްފައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ކާމިޔާބީތަކެއް ހޯދިދާނެ ކަމާ މެދު ސުވާލު އުފެދިފައެވެ.