ދުނިޔެ
މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ އުދުހުންތައް މެދުކަނޑާލައިފި
މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ އުދުހުންތައް މެދުކަނޑާލައިފި
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމާއި، އީރާނުން އެ ޙަމަލާތަކަށް ރައްދުދޭން ފެށުމާއެކު، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މަސްރަޙު ނުތަނަވަސްވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ބޮޑެތި އެއާލައިންތަކުން މިހާރު ވަނީ އެ ސަރަޙައްދުގެ ޤައުމުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އެމެރިކާ އާއި ޔަހޫދީ ފައުޖުތަކުން ދަނީ އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އެ ޤައުމުގެ ހަތަރު މައި ސަހަރަކަށް މިސައިލް ޙަމަލާތައް އަމާޒުކުރަމުންނެވެ. މި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ތެރެއަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލާފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ދަނީ ޙަމަލާދެމުންނެވެ. އޭގެ ތެރޭގައި ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން އަދި ޔޫއޭއީގައި ހުރި މަރުކަޒުތައް ހިމެނެއެވެ.
މި ނުރައްކާތެރި ޙާލަތާ ގުޅިގެން މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. ވިލާތުގެ އިއްތިޙާދުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ މެދުއިރުމަތީގެ ވައިގެ ސަރަޙައްދުން ދަތުރުނުކުރުމަށް އެއާލައިންތަކަށް އިރުޝާދު ދީފައެވެ.
މިގޮތުން، އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސްއިން ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ތެލްއަވީވް އަދި ބަޙްރެއިނަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. ރަޝިޔާ ސަރުކާރުން ވެސް ވަނީ އީރާނާއި އިސްރާއީލަށް ކުރާ އުދުހުންތައް މެދުކަނޑާލުމަށް އެ ޤައުމުގެ އެއާލައިންތަކަށް އަންގާފައެވެ. މީގެ އިތުރުން ލުފްތާންސާ، އެމިރޭޓްސް، ޤަތަރު އެއާވޭސް އަދި ކުވެއިތު އެއާވޭސްއިން ވެސް ވަނީ އީރާނާއި، އިސްރާއީލުގެ އިތުރުން ބެއިރުތާއި ދުބާއީއަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ވީހިނދު، މި ނިންމުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް މިހާރު ވެސް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ގިނަ ފްލައިޓްތަކެއް ކެންސަލްވުމާއި ދަތުރުތައް ލަސްވުމުގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.