Ads by PNC

ޚަބަރު

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން އެމްއޭސީއެލްއިން ޚާއްސަ އެޑްވައިޒަރީއެއް ނެރެފި

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން އެމްއޭސީއެލްއިން ޚާއްސަ އެޑްވައިޒަރީއެއް ނެރެފި

ފްލައި ދުބާއީ ރާއްޖޭގެ ވެލާނާ އެއަރޕޯޓްގައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ފެބްރުއަރީ 2026، 08:17

28 ފެބްރުއަރީ 2026، 08:17

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، މެދުއިރުމަތީގެ މަސްރަހު ގޯސްވެ ވައިގެ ސަރަހައްދުތައް ބަންދުކުރަމުންދާތީ ދަތުރުވެރިންނަށް ސަމާލުވުމަށް އިލްތިމާސްކޮށް މިއަދު ޚާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.

މި އެޑްވައިޒަރީ ނެރެފައިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާދިނުމާ ގުޅިގެން، މެދުއިރުމަތީގައި ހަނގުރާމައެއް ފެށި އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ފެށުމާ ގުޅިގެންނެވެ. އިޒްރޭލުގެ މި އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް މިހާރު ދަނީ އެ ސަރަހައްދުގެ ގިނަ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

އެމްއޭސީއެލްގެ އެޑްވައިޒަރީގައި މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުންނާއި، އެ ސަރަހައްދު މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ:

  • ފްލައިޓްގެ މައުލޫމާތު ހޯދުން: އެއާޕޯޓަށް ދިއުމުގެ ކުރިން، ތިމާ ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ޗެކްކުރުން.
  • އިރުޝާދުތަކަށް ތަބާވުން: ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރުތަކުގެ މައުލޫމާތު ހޯދުމާއި، އެ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުން.
  • ދުރާލާ ރޭވުން: މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުގެ ކަންކަން ދުރާލާ ރޭވުން.


މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ރާއްޖެއަށް އަންނަން އޮތް ނުވަ ފްލައިޓެއް މިއަދު ވަނީ ކެންސަލްވެފައެވެ. މީގެ ތެރޭގައި ދުބާއީ، ޝަރްޖާ، ބަހްރެއިން، އަބޫދާބީ އަދި ދޯހާއަށް ކުރާ ހުރިހާ ދަތުރުތަކެއް ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއަށް ޔޫރަޕާއި އެހެނިހެން ބައްރުތަކުން އަންނަ ފަތުރުވެރިން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލްތަކަކީ ދުބާއީ އާއި ދޯހާ ކަމަށްވާތީ، މި ސަރަހައްދުގެ ވައިގެ މަގު ބަންދުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، އެ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން އައުން މުޅިން ހުއްޓުމަކަށް އައުމުގެ ބިރު ވަނީ ހީވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450