ވިޔަފާރި / ޚަބަރު
މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު އަސާސީ މުދާ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަލުވިކަމާއެކު ބަދަލުވަމުންދާ މަސްރަޙުގެ ސަބަބުން ރާއްޖޭގެ ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓަރކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާ ގޮތުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދައުލަތުގެ ކަމާގުޅުންހުރި ހުރިހާ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދެނެގަނެ، އެކަންކަން ދިރާސާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދާ ލިބުމުގައި ދަތިކަމެއް ނައުމެވެ. މިގޮތުން، މިހާރު މުދާ އެތެރެކުރާ މަގުތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެނިހެން "އަލްޓަރނޭޓިވް" މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ރައްޔިތުންގެ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އެހެންކަމުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފައެވެ.
މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރާއްޖޭގެ އިގުތިޞާދީ ހަމަޖެހުން ދަމަހައްޓައި، ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.