ދުނިޔެ
އީރާނުން ފޮނުވާލި މިސައިލްތަކެއް ޤަތަރަށް ވެއްޓި އަށް މީހަކު ޒަޚަމްވެއްޖެ
އީރާނުން ޤަތަރަށް މިސައިލް ހަމަލާއެއް ދިނުން
އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތަކެއް ޤަތަރުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވަނިކޮށް، އޭގެ ބައިތައް ގައުމުގެ އެކި ސަރަހައްދުތަކަށް ވެއްޓި އަށް މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ޤަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ޕަބްލިކް ރިލޭޝަންސް ހެޑް، ބްރިގޭޑިއާ އަބްދުﷲ ޚަލީފާ އަލް މުފްތާހް ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުން ޤަތަރަށް 66 މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. އަދި ގައުމުގެ އެކި ހިސާބުތަކަށް މިސައިލްގެ ބައިތައް ވެއްޓިގެން 114 ރިޕޯޓް ލިބިފައިވާ ކަމަށާއި، ޒަޚަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އިންޓީރިއާ މިނިސްޓްރީން ވަނީ ކުއްލި ނުރައްކަލުގެ އިންޒާރު ނެރެ، އަސްކަރީ މަރުކަޒުތަކާ ދުރަށް ދިއުމަށާއި ގޭގައި މަޑުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ބިމަށް ވެއްޓިފައިވާ ނޭނގޭ އެއްޗެއްސާ ގާތްނުވުމަށާއި، އެފަދަ އެއްޗެއް ފެނިއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވެސް ވަނީ އަންގާފައެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އީރާނުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން ބުނީ މިއީ "ޒިންމާދާރުކަން ކުޑަ އަދި ރޭވުމެއް ނެތް" އަމަލެއް ކަމަށާއި، މިއީ ގައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިބްރާހިމް ސުލްތާން އަލް ހާޝިމީ ވިދާޅުވީ، މި ހަމަލާއަކީ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މިކަމަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށެވެ.
އެމެރިކާ އާއި އިޒްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ އެކި ގައުމުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ. ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި ކުވެއިތު، ޔޫއޭއީ، ބަހްރޭން އަދި އުރުދުން އިން ވެސް ވަނީ އީރާނުގެ މިސައިލްތައް ހުއްޓުވާފައެވެ. މިއީ ޖޫން 2025 ގައި އީރާނާއި އިޒްރާއީލާ ދެމެދު ހިނގި ހަނގުރާމައަށްފަހު ޤަތަރަށް އަމާޒުކޮށް އީރާނުން މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.
މި ހަމަލާތަކާ ގުޅިގެން މުޅި ގަލްފު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ރޯދަމަހުގެ އަޅުކަންތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ސަރަހައްދީ ލީޑަރުން ދަނީ މަސްލަހަތު އިސްކުރުމަށާއި، ހަނގުރާމައެއް ފެށިދާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ގޮވާލަމުންނެވެ