ޚަބަރު
83 މިލިއަން ރުފިޔާ ކުޑަކޮށް އާރްސީސީއަށް ޢަރަބިއްޔާ ޢިމާރާތްކުރުމަށް ހަވާލުކޮށްފި
ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ތަޢުލީމީ ވުޒާރާ
83 މިލިޔަން ރުފިޔާ ކުޑަވާހެން އާރްސީސީއަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށް ޢިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢުއެވެ. ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވާހަކަފުޅުދައްކަވައިފައި ވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން ޕްލޭންކުރި ތާރީޚަށްވުރެ ލަސްވެގެންދިޔައީ އެކަމުގައި މުހިއްމު ނިންމުމެއް ނިންމަވަން ޖެހިވަޑައިގަތުމުން ކަމަށެވެ.
އެގޮތުން ކުރިން މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތު އަގުގެ ގޮތުގައި ކިޔާފައިވަނީ ބާޒާރު އަގަށްވުރެ ބޮޑުކޮށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން ނިންމީ ފައިސާ ސަލާމަތްކުރުމަށް އެ ކުންފުންޏާއެކު މަސައްކަތް ކުރިއަށްނުގެންދިޔުމަށް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން 80 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޝަފީޢު ވިދާޅުވިއެވެ.
މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން(އާރުސީސީ) އިން ކިޔާފައިވަނީ ކުރީ ކުންފުނިން ކީ އަގަށްވުރެ ގާތްގަނޑަކަށް 83 މިލިޔަން ދަށް އަގެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި އަގާއެކުވެސް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އެދޭފަދަ ޒަމާނީ ފެންވަރުގެ ސްކޫލެއް އެޅޭނެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސާއިރު އަމާނާތެއް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އެބައޮތް. އެއީ ރައްޔިތުންގެ ފައިސާ އިސްރާފުނުވާނެ ގޮތަކަށް އަމާނާތްތެރިކަމާއެކު ބޭނުންކުރުން" ވަޒީރު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލަށް ޒަމާނީ ފެންވަރަށް ހިންގޭނެ ޢިމާރާތެއް ނެތި އެސްކޫލްގެ ދަރިވަރުން ދަތި ޙާލުގައި ކިޔަވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
https://twitter.com/MoEdumv/status/1858140625138565155
ނިމިދިޔަ ސަރުކާރުގައިވެސް ޢަރަބިއްޔާ ސްކޫލް ޢިމާރާތްކުރަން ވަޢުދުވެފައިވެއެވެ. އެހެންނަަމަވެސް ދައުރު ނިމިގެންދިޔައިރުވެސް އެވަޢުދުގައި ޢަމަލީ ސިފަޖެހިފައެއް ނުވެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފައްޓަވާފައެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވެއެވެ.އަދުގެ ސަރުކާރުން ވަނީ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ 2 އަހަރު ދުވަހުން ސްކޫލް ޢިމާރާތުގެ މަސައްކަތް ނިންމާލުމެވެ.
ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތް ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިން އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް ޢިމާރާތައްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއެވެ.