ދުނިޔެ

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރީގައި ކުރިޔަށްދިޔަ މުޒާހަރާއެއްގައި 9 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރީގައި ކުރިޔަށްދިޔަ މުޒާހަރާއެއްގައި 9 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މާރިޗު 2026، 01:55

01 މާރިޗު 2026، 01:55

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި އީރާނަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިވަނީ އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ކަރާޗީގެ މައި ކޮލާޗީ ރޯޑުގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ވަންނަން މަސައްކަތްކުރި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަރާޗީ ސިވިލް ހޮސްޕިޓަލުގެ ޕޮލިސް ސާޖަން ޑރ. ސުމައްޔާ ސައީދު އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި، މަދުވެގެން ނުވަ މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި މުޒާހަރާތައް ފެށިފައިވަނީ ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ ކޮންސިއުލޭޓް އިމާރާތަށް ވަދެގަންނަން މަސައްކަތްކޮށްފައެވެ.

ކަރާޗީގެ އިތުރުން ޕާކިސްތާނުގެ އެހެން ސިޓީތަކުގައިވެސް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ޝިއައު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގިލްގިިތު ބަލްޓިސްތާން ސަރަހައްދުގެ ސްކާރްދޫގައި ހުންނަ އދ. ގެ އޮފީސް އިމާރާތެއްގައި މުޒާހަރާގެ ބައިވެރިން ވަނީ ރޯކޮށްލާފައެވެ. ލޯކަލް ގަވަރްމަންޓްގެ ތަރުޖަމާނު ޝައްބީރު މީރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ލާހޯރުގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރިއަށްވެސް ސަތޭކައަށްވުރެ ގިނަ މީހުން އެއްވި ނަމަވެސް، އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުގައި ބައެއް މީހުން ސަލާމަތީ ގޭޓަށް ގެއްލުން ދޭން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ ބާރުގެ ބޭނުން ނުކޮށް އެމީހުން ހުއްޓުވާފައެވެ. މީގެ އިތުރުން ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައިވެސް މުޒާހަރާއެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރޭގައި އިރާގު، މޮރޮކޯ އަދި އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރު ހިމެނެއެވެ. އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ގްރީން ޒޯން ކައިރިއަށްވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އިހުތިޖާޖުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450