ޚަބަރު
މިވެރިކަން ފެށުނުފަހުން މިހާތަނަށް 7،000 އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކުރެވިފައިވޭ: ވަޒީރު ޠާރިޤް
ވަޒީރު ޠާރިޤް
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް 7،000 އަށްވުރެ ގިނަ އެނދު އިތުރުކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ޖުމްލަ 7,195 އެނދު ފަތުރުވެރިކަމުގެ ބާޒާރަށް ނެރެފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެގޮތުން ގެސްޓްހައުސްތަކުން 4,062 އެނދު އިތުރުވެފައިވާއިރު، ރިސޯޓުތަކުން 1,554 އެނދު، ހޮޓާތަކުން 708 އެނދު، ލިވްބޯޑުތަކުން 503 އެނދު އަދި ހޯމްސްޓޭގެ ގޮތުގައި 368 އެނދު ވަނީ އިތުރުކުރެވިފައެވެ.
ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކަށް ދޫކުރި ހުއްދަތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ޖުމްލަ 43 ރިސޯޓަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 280 ގެސްޓްހައުސް، 122 ޑައިވް ސެންޓަރު އަދި 14 ހޮޓަލަކަށް ވިޔަފާރި ލައިސެންސް ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 168 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ ތެރެއިން ހަތް ރިސޯޓެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމައި، ފަތުރުވެރިކަމުގެ ބާޒާރަށް ނެރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް ވިދާޅުވި ގޮތުގައި، މިއަހަރު އަލަށް ހުޅުވޭ ހަތް ރިސޯޓާއެކު އެކަނިވެސް 1,000 އަށްވުރެ ގިނަ އެނދު ރިސޯޓުތަކުން އިތުރުވެގެންދާނެއެވެ. އަދި ގެސްޓްހައުސްތަކާއި ލިވްބޯޑުތައް ރަޖިސްޓްރީކުރަމުންދާ މިންވަރަށް ބަލާއިރު، މިއަހަރު ނިމޭއިރު މި އަދަދު މިއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެނދުތައް އިތުރުކުރުމާއި، ސިނާއަތް ފުޅާކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.