ދުނިޔެ

ސައޫދީ ވަލީއަހުދު އީރާނަށް ހަމަލާދިނުމަށް ޓްރަމްޕަށް ބާރުއެޅުއްވިކަމަށް ބުނާ ރިިޕޯޓްތަކެއް

ސައޫދީ ވަލީއަހުދު އީރާނަށް ހަމަލާދިނުމަށް ޓްރަމްޕަށް ބާރުއެޅުއްވިކަމަށް ބުނާ ރިިޕޯޓްތަކެއް

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މާރިޗު 2026، 06:06

01 މާރިޗު 2026، 06:06

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ބާރުއަޅުއްވާފައިވާ ކަމަށް "ވޮޝިންގޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފިއެވެ.

މިދިޔަ މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ޓްރަމްޕާ ދެމެދު ކުރެވުނު ސިއްރު ފޯނު ކޯލްތަކެއްގެ މައުލޫމާތު ހާމަކުރަމުން އެ ނޫހުން ބުނެފައިވަނީ، އީރާނާ މެދު ސުލްހަވެރި ހައްލެއް ހޯދުމަށް ފާޅުގައި ވަކާލާތު ކުރެއްވި ނަމަވެސް، ސިއްރިއްޔާތުގައި ވަލީއަހުދު ބާރުއެޅުއްވީ އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށެވެ. މީގެ ކުރިން ޖެނުއަރީ މަހު ވަލީއަހުދު ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނުމަށް ސައޫދީގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށާއި، ދެ ގައުމުގެ މައްސަލަތައް ހައްލުކުރަންވާނީ މަޝްވަރާގެ މަތިން ކަމަށެވެ.

ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާ ވާހަކަދައްކަވަމުން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު ވިދާޅުވެފައިވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކޮށް އީރާނަށް ހަމަލާނުދީފިނަމަ، އީރާނަކީ ކުރިއަށް އޮތް ތަނުގައި މާ ނުރައްކާތެރި ބަޔަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅު ޚާލިދު ބިން ސަލްމާން ޖެނުއަރީ މަހު ވޮޝިންގޓަނަށް ކުރެއްވި ދަތުރުފުޅުގައިވެސް މިފަދަ މެސެޖެއް ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ރިޕޯޓްތައް ފެންމަތިވެފައިވަނީ، އީރާނުގެ ނިއުކްލިއަރ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ އަސްކަރީ އަދި ސަރުކާރުގެ މުހިންމު ތަންތަނަށް ހޮނިހިރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" އެކައުންޓް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އީރާނުގެ ފަރާތުން އެމެރިކާއަށް އޮތް ނުރައްކާ ނައްތާލުމަށްޓަކައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގައި 40 ދުވަހުގެ ގައުމީ ހިތާމަ ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ޚާމަނާއީ އަވަހާރަކޮށްލުމުގެ ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އިސްލާމީ ދިދައިގެ ދަށުން އެކަތިގަނޑެއްގެ ގޮތުގައި އޮންނަ މުސްލިމް ދައުލަތެއް ބިނާކުރެއްވުމަށެވެ.

މުހައްލިލުން ދެކޭގޮތުގައި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން މިފަދަ ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވަނީ، ސައޫދީގެ ތެޔޮ ވަސީލަތްތަކަށް އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށެވެ. ސައޫދީ އަރަބިއްޔާ އާއި އީރާނަކީ ޒަމާނުއްސުރެ ސަރަހައްދީ ގޮތުންނާއި މަޒްހަބީ ގޮތުން ވާދަވެރި ދެ ގައުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450