ޚަބަރު
މެދުއިރުމަތީގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ވީ.އައި.އޭ ގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކޮށްފި
ވެލާނާ އެއަރޕޯޓަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޒިޔާރަތްކުރެއްވުން ފޮޓޯ؛ ވުޒާރާ
މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.
މި ހާލަތާ ގުޅިގެން ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 28 މާރިޗު 2026 ވަނަ ދުވަހު ވީ.އައި.އޭ ގައި ވަނީ 'ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރު' އެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިހާރު ޑޮމެސްޓިކް ޓަރމިނަލް ވެސް އަންނަނީ މި މަސައްކަތަށް ބޭނުންކުރަމުންނެވެ. އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ.
ފްލައިޓްތަކަށް އައި ބަދަލުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، 1,716 އެއްހާ ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި 1 މާރިޗު 2026 ގައި 19 ފްލައިޓެއް ކެންސަލްވުމުގެ ސަބަބުން 3,530 އެއްހާ ފަސިންޖަރުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އެމްއޭސީއެލް އިން އަންނަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްގެ އިތުރުން އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގައި އެއަރލައިންތަކުގެ މަންދޫބުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނެފައިވަނީ، ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ފަސިންޖަރުންނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެއަރޕޯޓުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.