ދުނިޔެ
އީރާން ހިންގުމަށް ތިން މެންބަރުންގެ ވަގުތީ ކައުންސިލެއް އުފައްދައިފި
އީރާން ހިންގުމަށް އުފެއްދި ވަގުތީ ކައުންސިލްގެ މެމްބަރުން
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ ޝަހީދުކޮށްލުމާއި ގުޅިގެން، އެޤައުމުގެ ސަރުކާރު ހިންގުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ލީޑަރޝިޕް ކައުންސިލެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިޢުލާންކޮށްފިއެވެ.
ދިގު މުއްދަތަކަށް އީރާނުގެ ވެރިކަން ކުރެއްވި ޚާމަނައީ ޝަހީދުކޮށްލުމާއި ގުޅިގެން އީރާނުން ވަނީ އޭގެ ބަދަލުހިފާނެ ކަމަށް ވަޢުދުވެފައެވެ. އަދި ޚާމަނައީގެ ފަހުން ވެރިކަމާ ޙަވާލުވާނެ ބޭފުޅަކު ހޮވުމުގެ މަސައްކަތް އާދީއްތަ ދުވަހު ވަނީ ފަށާފައެވެ. އީރާނުގެ ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އައު ލީޑަރަކު އިންތިޚާބު ކުރެވެންދެން ރޫޙާނީ ލީޑަރުގެ މަސްއޫލިއްޔަތުތައް އަދާކުރާނީ މި ވަގުތީ ކައުންސިލުންނެވެ.
މި ވަގުތީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1. އާޔަތުﷲ އަލީ ރިޒާ އަރާފީ:
އަރާފީއަކީ 2019 ވަނަ އަހަރުން ފެށިގެން 'ގާޑިއަން ކައުންސިލް' ގެ މެންބަރެކެވެ. މިއީ އީރާނުގެ ޤާނޫނުތަކާއި ސިޔާސަތުތައް އިސްލާމީ އުޞޫލުތަކާ އެއްގޮތްތޯ ކަށަވަރުކުރާ އެންމެ މަތީ ފަނޑިޔާރުގެއެވެ. މީގެ އިތުރުން އޭނާއަކީ ރޫޙާނީ ލީޑަރު ހޮވުމުގެ މަސްއޫލިއްޔަތު އޮންނަ 'އެސެމްބްލީ އޮފް އެކްސްޕަރޓްސް' ގެ ނައިބު ރައީސްވެސް މެއެވެ.
2. މަސްޢޫދު ޕެޒެޝްކިއަން:
އުމުރުން 71 އަހަރުގެ ޕެޒެޝްކިއަން އަކީ އީރާނުގެ މިހާރުގެ ރައީސެވެ. އޭނާއަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން އިސްލާހީ ފިކުރުގެ ސިޔާސީ ބޭފުޅެކެވެ. 2024 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޕެޒެޝްކިއަން ވަނީ ޚާމަނައީ އަވަހާރަކޮށްލުމަކީ "ތާރީޚީ ޖަރީމާއެއް" ކަމަށް ސިފަކުރައްވައި، އޭގެ ބަދަލުހިފުމަކީ އީރާނުގެ ޝަރުޢީ ވާޖިބެއް ކަމަށް ވިދާޅުވެފައެވެ.
3. ޣުލާމް ޙުސައިން މުޙުސިނީ-އީޖީ:
އީޖީއަކީ 2021 ވަނަ އަހަރުން ފެށިގެން އީރާނުގެ ފަނޑިޔާރުގެއާ (ޖުޑީޝަރީ) ޙަވާލުވެ ހުންނެވި އެންމެ އިސްވެރިޔާއެވެ. މީގެ ކުރިން އިންޓެލިޖެންސް މިނިސްޓަރުކަމާއި ޕްރޮސިކިއުޓަރ ޖެނެރަލްކަން ކުރައްވާފައިވާ އީޖީއަކީ ބަސްމަގު ހަރުކަށި، ކޮންޒަވޭޓިވް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
މި ދަނޑިވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ރައްޔިތުންނަށް ގޮވާލައި އެޤައުމުގެ ސަރުކާރު ވައްޓާލުމަށް ބާރުއަޅަމުންދާ ވަގުތެކެވެ. ނަމަވެސް އީރާނުގެ ލީޑަރޝިޕުން ވަނީ އެޤައުމުގެ ދިފާޢުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ދީފައެވެ. އީރާނުން މިހާރުވެސް ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އިސްރާއީލާއި އެމެރިކާގެ މަސްލަޙަތު އޮތް ތަންތަނަށް ހަމަލާތައް ދެމުންނެވެ.