ދުނިޔެ

އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އެހެން ޤައުމުތަކުން ބުނަނީ ކީކޭކަން އެނގޭތަ؟

އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އެހެން ޤައުމުތަކުން ބުނަނީ ކީކޭކަން އެނގޭތަ؟

އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ އެކު އިރާނުގެ ރައްޔިތުން ހިތާމަ ފާޅުކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މާރިޗު 2026، 09:55

01 މާރިޗު 2026، 09:55

އެމެރިކާ އާއި އިސްރާއީލުގެ ސިފައިން ގުޅިގެން ދިން ވަރުގަދަ ހަމަލާއެއްގައި އީރާނުގެ އެންމެ މަތީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މުޅި ދުނިޔެ ސިއްސުވާލައި މަސްރަހު ނުހަނު ބޮޑަށް ހޫނުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ މިއީ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ސިފަކޮށް އިންޒާރު ދެމުންނެވެ.

ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރޭން، އުރުދުން، ސައުދީ އަރަބިއްޔާ، އިރާގު އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އީރާނުގެ އިންގިލާބީ ގާޑްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ 27 ބޭސްއަކަށް މިހާރު ވެސް ވަނީ ހަމަލާދީފައެވެ. މި ކުރިމަތިލުންތަކާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

މި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މަޝްވަރާ ކުރުމަށްޓަކައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޚާރިޖީ ވަޒީރުން އާދިއްތަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ވިލާތުގެ އިއްތިހާދުގެ 27 ގައުމުގެ އިސް ޑިޕްލޮމޭޓުން ވެސް ދަނީ މި މައްސަލާގައި ކުއްލި މަޝްވަރާތައް ބާއްވަމުންނެވެ.

އެކި ގައުމުތަކުގެ އިޖާބަ:

އީރާން: ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ޚާމަނާއީ އަވަހާރަކޮށްލުމަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް، ހާއްސަކޮށް ޝިއައީންނާ ދެކޮޅަށް އިއުލާންކުރި ހަނގުރާމައެއް ކަމަށެވެ. މިއީ އިސްލާމީ ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިސްރާއީލް: ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ މި ކާމިޔާބީއަށްޓަކައި ބޮޑުވަޒީރު ނަތަންޔާހޫއަށާއި އަސްކަރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ "އިސްރާއީލް ހަލާކުކުރަން އުޅުނު މީހާ ހަލާކުވެއްޖެ" ކަމަށާއި، މިއީ އިންސާފު ގާއިމުވުން ކަމަށެވެ.

އެމެރިކާ: ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތާރީޚުގައި ދުށް އެންމެ ނުބައި އެކަކު މަރުވެއްޖެ ކަމަށެވެ. އަދި އީރާނުން ބަދަލުހިފަން މަސައްކަތްކޮށްފިނަމަ، ދުވަހަކުވެސް ނުދެކޭ ފަދަ ވަރުގަދަ ބާރަކާއެކު އެމެރިކާއިން ހަމަލާދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިއެވެ.

ރަޝިއާ: ރައީސް ލަޑީމިއަރ ޕޫޓިން މި ހަމަލާ ސިފަކުރެއްވީ އިންސާނީ އަޚުލާގާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދިން "ނުބައި ގާތިލު އަމަލެއް" ގެ ގޮތުގައެވެ.

ޗައިނާ: މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ މިއީ އީރާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި ވަގުތުން އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ޕާކިސްތާން: ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޚާމަނާއީ "ޝަހީދުކޮށްލުމާ" ގުޅިގެން ހިތާމަ ފާޅުކުރައްވައި، އީރާނުގެ ރައްޔިތުންނާއެކު ސާބިތުވެ ހުންނެވިކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ހަމާސް ޖަމާއަތާއި، ޔަމަނުގެ ހޫތީންނާއި، އުތުރު ކޮރެއާއިން ވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ މިއީ އީރާނުގެ ތާރީޚަށް އައި ބޮޑު ބަދަލެއް ކަމަށާއި، މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450