ރިޕޯޓް

އާޔަތުﷲ ޢަލީ ޚާމަނާއީ: އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސާބިތުކަން ދެއްކެވި ހިތްވަރުގަދަ ލީޑަރު!

އާޔަތުﷲ ޢަލީ ޚާމަނާއީ: އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސާބިތުކަން ދެއްކެވި ހިތްވަރުގަދަ ލީޑަރު!

އާޔަތުﷲ ޢަލީ ޚާމަނާއީ--

01 މާރިޗު 2026، 10:43

އިސްލާމީ ދުނިޔޭގެ ޒަމާނީ ތާރީޚަށް ނަޒަރު ހިންގާލާއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި، އިސްލާމީ ވަޙްދަތާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ދެމެހެއްޓުމުގައި އާޔަތުﷲ ޢަލީ ޚާމަނާއީ ދެއްކެވި ސާބިތުކަމަކީ ތާރީޚު ހެކިވާނެ ފަދަ މަތިވެރި ނަމޫނާއެކެވެ.

އެމަނިކުފާނަކީ ހަމައެކަނި އީރާނުގެ ރޫޙާނީ އަދި ސިޔާސީ ލީޑަރެއް ނޫނެވެ. އެއީ މުޅި މުސްލިމް އުންމަތުގެ ޙައްޤުގައި ވަކާލާތުކުރެއްވި، ހުޅަނގުގެ އިސްތިއުމާރީ ނުފޫޒުތަކާއި ޒަޔަނިސްޓު އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގަތް ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި އީރާނު ދުށް އާދަޔާޚިލާފު ކުރިއެރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމުން ހޯދި ބާރަކީ ޚާމަނާއީގެ ދުރުވިސްނޭ، ކުޅަދާނަ އަދި ޤާބިލް ލީޑަރޝިޕްގެ ދިރިހުރި ހެއްކެކެވެ.

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ދަންވަރު 02:30 ހާއިރު އިޢުލާނުކުރިއިރު، އޭގެ 4 ގަޑިއިރު ފަހުން އީރާނުން ވަނީ ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި ޚާމަނާއީގެ އޮފީހަށް ބޮންއަޅައި އެތަން ސުންނާފަތިކޮށްލާފައިވާއިރު، ޚާމަނާއީ އަވަހާރަކޮށްލީ އެ ތަނުގައި ހުންނަވަނިކޮށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. 

އާޔަތުﷲ ޚާމަނާއީގެ ސިޔާސީ ޙަޔާތްޕުޅާއި ދައުލަތް ބިނާކުރުމުގެ ބުރަ މަސައްކަތްޕުޅު ފެށިގެން އައީ 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބުގެ މުހިންމު ދުވަސްވަރުގެ ތެރެއިންނެވެ. އިންޤިލާބުގެ ބާނީ އާޔަތުﷲ ޚުމައިނީގެ އެންމެ އިތުބާރުހުރި، އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އީރާނުގެ ރައީސްކަން ޖެހިޖެހިގެން ދެ ދައުރުގައި ކުރެއްވިއެވެ. އެ ދުވަސްވަރަކީ އިރާޤު-އީރާނު ހަނގުރާމައިގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި އުމްރާނީ ތަރައްޤީއަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެކެވެ.

އެހެން ނަމަވެސް، ޚާމަނާއީ ވަނީ ނުހަނު ކެތްތެރިކަމާއެކު ޤައުމުގެ ދިފާޢީ ބާރު ވަރުގަދަކުރައްވައި، ރައްޔިތުންގެ މެދުގައި އިސްލާމީ އެއްބައިވަންތަކަން އާލާކުރައްވާފައެވެ. 1989 ވަނަ އަހަރު އާޔަތުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ 'ސުޕްރީމް ލީޑަރު'ގެ މަޤާމާ ޚާމަނާއީ ޙަވާލުވެވަޑައިގަތީ، ހުޅަނގުގެ ނުފޫޒުން މިންޖުވެފައިވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިސްލާމީ ދައުލަތެއް ބިނާކުރުމުގެ މަތިވެރި ޢަޒުމުގައެވެ.

އެމަނިކުފާނުގެ ދިގު ވެރިކަމުގައި އީރާނުގެ ދައުލަތް ބަދަލުކޮށްލެއްވީ "އަމިއްލަ ފައިމައްޗަށް ތެދުވުމުގެ" ވަރުގަދަ ފަލްސަފާއެއްގެ މައްޗަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާ ދެކޮޅަށް އެތައް އަހަރަކަށް ދެމިގެންދިޔަ އިޤްތިޞާދީ އަދި ސިޔާސީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، ޚާމަނާއީގެ އިރުޝާދުގެ ދަށުން އީރާނުން ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހައިރާންކޮށްލާފައެވެ. ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ޤާބިލްކަން ހޯދުމާއި، މުޅި މެދުއިރުމަތީގައި އެންމެ ކުރިއަރާފައިވާ މިސައިލް ޓެކްނޮލޮޖީ ބިނާކުރުމާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ހޯދި ބޮޑެތި ކާމިޔާބީތަކަކީ ޚާމަނާއީގެ ލީޑަރޝިޕްގެ ނަމޫނާ މަސައްކަތްޕުޅުތަކެވެ. އެމަނިކުފާނު އަބަދުވެސް ބާރުއަޅުއްވަނީ އިސްލާމީ ހަމަތަކަށް އިސްކަންދީގެން، ހުޅަނގުގެ ސަގާފީ އަޅުވެތިކަމުން ދުރުވެ، އަމިއްލަ ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަރައި ދިއުމަށެވެ.

އާޔަތުﷲ ޚާމަނާއީގެ ހިތްވަރުގަދަކަމާއި ނުގުޑާފަދަ ޢަޒުމް އެންމެ ބޮޑަށް ފެނިގެންދިޔައީ އެމެރިކާއާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުންނެވެ. ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މާލީ ގޮތުންނާއި، އަސްކަރީ ގޮތުންނާއި، އަދި ސިޔާސީ ގޮތުން އެމަނިކުފާނު ދެއްވާ ސާބިތު އެއްބާރުލުމަކީ މުޅި ދުނިޔެއަށް އެނގޭ ބޮޑު ހަޤީޤަތެކެވެ.

ޒަޔަނިސްޓު އިސްރާއީލަކީ މުޅި ސަރަޙައްދަށް އޮތް "ކެންސަރު ބައްޔެއް" ގޮތުގައި ސިފަކުރައްވައި، އެ ދައުލަތުގެ ނުބައިކަމާއި އަނިޔާވެރިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ޚާމަނާއީ ވަނީ އިސްލާމީ އުންމަތުގެ ހިތްވަރުގަދަ އަޑަށް ވެވަޑައިގެންފައެވެ. އެމެރިކާގެ "އިމްޕީރިއަލިޒަމް" އާ ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ، މުސްލިމް ޤައުމުތަކަކީ އެހެން ބައެއްގެ ބާރުގެ ދަށުގައި ތިބެންޖެހޭނެ ބައެއް ނޫންކަން ޢަމަލުން ދައްކަވައިދެއްވި ކަމެކެވެ.

އެމަނިކުފާނުގެ މި ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގެ ސަބަބުން، ދުޝްމަނުންގެ ނަފްރަތާއި ހަމަލާތައް އެމަނިކުފާނަށް އަމާޒުވިއެވެ. 1981 ވަނަ އަހަރު މިސްކިތެއްގައި ތަޤުރީރު ކުރައްވަން ހުންނަވަނިކޮށް، ބޮމުގެ ހަމަލާއެއް ދީ ޚާމަނާއީ އަވަހާރަކޮށްލަން މަސައްކަތް ކުރެވުނެވެ. މި ހަމަލާގައި އެމަނިކުފާނުގެ ކަނާއަތްޕުޅަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ އަތްޕުޅުގެ ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް، މި ނުރައްކާތެރި ހަމަލާއިންވެސް އެމަނިކުފާނުގެ ޢަޒުމަކަށް ބަދަލެއް ނައެވެ. އަދި ކިއެއްތަ، އެއީ ޙައްޤު މަގުގައި ވެވަޑައިގަތް ޤުރުބާނީއެއްގެ ގޮތުގައި ދެކިވަޑައިގެން، ކުރިއަށްވުރެ ބޮޑަށް އިސްލާމީ އުންމަތުގެ ދިފާޢުގައި މަސައްކަތް ކުރެއްވިއެވެ. އަވަހާރަކޮށްލުމުގެ ބިރަށްވުރެ ބޮޑަށް، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތީ މުސްލިމުންގެ ކަރާމާތާއި މިނިވަންކަމެވެ.

އާޔަތުﷲ ޚާމަނާއީއަކީ ހަމައެކަނި ސިޔާސީ ވެރިއެއް ނޫނެވެ. އެއީ ފުންނާބު އުސް ޢިލްމުވެރިއެއްގެ އިތުރުން، އަދަބިއްޔާތާއި، ތާރީޚާއި، ފަލްސަފާއަށް ލޯބިކުރައްވާ ކުޅަދާނަ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނުގެ ކޮންމެ ވާހަކަފުޅަކީވެސް ޙިކުމަތުން ފުރިގެންވާ، މުސްލިމުންގެ ހިތްތަކަށް ދިރުން ގެނުވައިދޭ މެސެޖުތަކެކެވެ. އެމަނިކުފާނު އަބަދުވެސް ގޮވާލައްވަނީ އިސްލާމީ މަޛްހަބުތަކުގެ މެދުގައި އޮންނަ ޚިލާފުތައް އެއްފަރާތްކޮށް، މުސްލިމް އުންމަތަކީ އެކަތިގަނޑެއްގެ ގޮތުގައި ދުޝްމަނުންގެ ކުރިމަތީގައި ސާބިތުވެ ތިބުމަށެވެ. މުސްލިމް ޒުވާނުންނަކީ ޢިލްމާއި ހުނަރުން މުއްސަނދި، އީމާންތެރިކަން ވަރުގަދަ ބަޔަކަށް ވުމަށް އެމަނިކުފާނު ކުރައްވާ އިލްތިމާސަކީ އުންމަތުގެ މުސްތަޤުބަލާ ގުޅިފައިވާ މުހިންމު ނަޞޭޙަތެކެވެ.

އާޔަތުﷲ އަލީ ޚާމަނާއީގެ ޙަޔާތްޕުޅުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ބިރެއް ނެތި ޙައްޤު ބަސް ބުނުމާއި، އަނިޔާވެރިކަމުގެ ކުރިމަތީގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ. މިއަދުގެ މުސްލިމް އުންމަތް ބޭނުންވަނީ އެހެން ބައެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ޢިލްމާއި، ހަކަތައާއި، ވަޞީލަތްތަކުން ކުރިއަރައިދާނެ މަގުތައް ހޯދުމެވެ. ޚާމަނާއީއަކީ އިސްލާމީ ވަޙްދަތުގެ ރަމްޒެކެވެ.

އެމަނިކުފާނު ދެއްކެވި މަގަކީ ޢިއްޒަތާއި ކަރާމާތުގެ މަގެވެ. މުސްލިމުންގެ މެދުގައި އޮތް ކުދިކުދި ޚިލާފުތައް ދޫކޮށް، އެންމެން އެކުގައި އިސްލާމީ ރޫޙެއްގައި ތެދުވެއްޖެ ނަމަ، އެއްވެސް ބާރަކަށް މުސްލިމުން ކުޑަކަކޫ މައްޗަށް ތިރިއެއް ނުކުރެވޭނެއެވެ. ޚާމަނާއީއަކީ ހަޤީޤީ މާނައިގައި، އިސްލާމީ އުންމަތަށްޓަކައި ކުޑަކަކޫ މައްޗަށް ތިރިނުވި، ހިތްވަރުގަދަ، ކުޅަދާނަ އަދި ޤާބިލް ލީޑަރެކެވެ. އެމަނިކުފާނުގެ ޒިކުރާއަކީ މުސްލިމުންގެ މިނިވަންކަމުގެ ރޫޙު އަބަދުވެސް ދިރުވައިދޭނެ ނޫރެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450