ޚަބަރު
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 އަށް ދިޔަ ޢުމްރާވެރިން ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފި
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 އަށް ދިޔަ ޢުމްރާވެރިން
ރަމަޟާން މަހުގެ ފަހު 15 އަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ދިޔަ ޢުމްރާވެރިން، އެބޭފުޅުންގެ ފުރަތަމަ ޢުމްރާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މި ފަހަރުގެ ގްރޫޕުގައި ޖުމްލަ 316 ޢުމްރާވެރިން ހިމެނޭއިރު، މި ބޭފުޅުން މައްކާއަށް ގޮސްފައިވަނީ މާރިޗު މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރަށެވެ. މައްކާއަށް ދިއުމަށްފަހު ކުރަންޖެހޭ އިދާރީ ކަންކަން ނިންމުމަށްފަހު، މި ގްރޫޕުގެ ޢުމްރާވެރިން ފުރަތަމަ ޢުމްރާގެ އަޅުކަން ފަށާފައިވަނީ އެ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ.
ޙައްޖު ކޯޕަރޭޝަނުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޢުމްރާވެރިން ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން މުޅި ރަމަޟާން މަހު މައްކާގައި މަޑުކުރާ ގޮތަށް ހަމަޖެހިފައިވާ ފުރަތަމަ ގްރޫޕް މައްކާއަށް ގޮސްފައިވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ޢުމްރާވެރިންގެ ޙާލަތާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ހުރިހާ ޢުމްރާވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. އަދި ޢުމްރާވެރިންގެ ތެރޭގައި ހިމެނޭ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ދަތިކަމެއް ނެތި އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް އެ ކޯޕަރޭޝަނުން ވަނީ ފަހިކޮށްދީފައެވެ.
ރަމަޟާން މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން ޢުމްރާގެ އަޅުކަމަށް މައްކާއަށް ޖަމާވާ ދުވަސްވަރަކަށް ވާތީ، ޢުމްރާވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 1600 އަށްވުރެ ގިނަ ދިވެހީން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.