ޚަބަރު
ޙާފިޡުން ތުރުކުރައްވާ ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި، ޙާފިޡްކަމުގެ ޝަރަފްވެރިކަން
ޙާފިޘުންގެ ގައުން/ފޮޓޯ: ވުޒާރާ
ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ 1446 ވަނަ އަހަރު ރާއްޖޭގައި މުޅިން އަލަށް ބާއްވަން ފެށި ޚާއްޞަ ރަސްމިއްޔާތެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ފަޚުރުވެރި، ޝަރަފްވެރި ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. 1447 ވަނަ އަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ރަސްމިއްޔާތު މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ޙާފިޡުން ތުރުކުރެއްވި ގައުންއަކީ ޝަރަފްވެރިކަން ފާހަގަކޮށްދޭ ގައުންއެކެވެ. މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ކުރެހުންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ސަޤާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމެވެ.

މި ގައުން ތައްޔާރުކޮށްފައިވަނީ ދިވެހިންގެ ދީނީ އަޤީދާއާއި ޤުރުއާނުގެ ޢިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ކުރެހުންތައް ހިމެނޭހެނެވެ. ގައުންގައިވާ ޑިޒައިނުން ޝަރަފްވެރިކަމާއި ފަޚުރުވެރިކަން ފާޅުވާނޭހެން ތައްޔާރުކުރެވިފައިވާ މި ގައުންއަކީ ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްޞަކުރެވިފައިވާ ގައުންއެކެވެ.
މިރޭގެ ރަސްމިއްޔާތުގައި 31 ޙާފިޡުން، ޙާފިޡުކަމުގެ ސަނަދު ޙާސިލްކޮށްފައިވާއިރު، ޙާފިޡުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ މެޑެއްޔާއި އިނާމު 50 ޙާފިޡުންނަށް ވަނީ ލިބިފައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.