Ads by PNC

ޚަބަރު

އާބާދީގެ ނިސްބަތުން އެންމެ ގިނަ ޙާފިޡުން ތިބި ޤައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ވަޒީރު ޑރ. ޝަހީމް

އާބާދީގެ ނިސްބަތުން އެންމެ ގިނަ ޙާފިޡުން ތިބި ޤައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މާރިޗު 2026، 10:54

01 މާރިޗު 2026، 10:54

އިސްލާމީ ދުނިޔޭގައި އެ ޤައުމެއްގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ ޙާފިޡުން ތިބި ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއަށް ދައުލަތުން 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ތިބި ޙާފިޡުންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި މިހާރު 301 ޙާފިޡުން އެބަތިއްބެވި ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި އަދަދު 500 އަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ޤައުމަށް ލިބޭނެ މަތިވެރި ޝަރަފެއް. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ޚާއްޞަ އިސްކަމެއް ދެވިއްޖެ. ޤައުމީ މުބާރާތުގެ އިނާމުތައް މަތިކޮށް، ހިތުދަސްކުރާ ދަރިވަރުންގެ އެލަވަންސް ވެސް ވަނީ ބޮޑުކުރެވިފައި،

 ވަޒީރު

ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 50 ގޮފި އުފެދިގެންދާނެ ކަމަށާއި، މިހާތަނަށް 6 ގޮފި ރަޖިސްޓަރީކޮށް، އިތުރު 34 ގޮފީގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ޤުރްއާން ކިޔަވައިދޭނެ މުދައްރިސުން ނެތް ރަށްރަށަށް ބޭރުން މުދައްރިސުން ގެނެސްގެންވެސް މި ޢިލްމު ދިރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޒުވާން ޚަތީބުން ބިނާކުރުމަކީ އާ ޖީލަކަށް ރާއްޖެ ތައްޔާރުކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން ދަސްވެނިވި އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރު 31 ޙާފިޡުން ދަސްވެނިވެފައިވާ ކަމަށެވެ. އަދި މިވަގުތުވެސް 1800 އެއްހާ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ޒަކާތު ފަންޑުގެ ފީސަބީލިއްލާ ބައިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވައި، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ވިޔަފާރިވެރިންނަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450