ޚަބަރު
5 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 5 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި
ނަސީބުވެރިންނަށް ސްކޯލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ވުޒާރާ
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން މެލޭޝިޔާގައި 5 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 5 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ. މި ސްކޮލަރޝިޕްތައް ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.
މި ސްކޮލަރޝިޕްތަކަކީ "ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިޔަރ އެކްސްޕޯ 2024" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިން ސްކޮލަރޝިޕްތަކެކެވެ. މި ސްކޮލަރޝިޕްތައް ދީފައިވަނީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސަސްއާ ގުޅިގެންނެވެ.
ދާލަން ލަކީ ޑްރޯގައި ބައިވެރިވެ، ގުރުއަތުން ހޮވުނު 5 ދަރިވަރަކަށް، 5 ދާއިރާއަކުން މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު ދީފައިވެއެވެ. މި ދާއިރާތަކަކީ ބެޗްލަރސް އޮފް ޖަރނަލިޒަމް، ބެޗަލަރސް އޮފް އާރޓިފިޝަލް އިންޓެލިޖެންސް، ބެޗްލަރސް އޮފް ސޮފްޓްވެއަރ އިންޖީނިއަރިންގ، ބެޗްލަރ އޮފް މެރިން ބަޔޯޓެކްނޮލޮޖީ އަދި ބެޗްލަރސް އޮފް ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސްއާ ގުޅިގެން ރާއްޖެއަށް 561 ސްކޮލަރޝިޕް ފުރުޞަތު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި ފުރުޞަތުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކުން ދަރިވަރުންނަށް 70% އާ ހަމައަށް ޓިއުޝަން ފީއިން ބޮޑެތި ޑިސްކައުންޓްތައް ލިބޭނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ފުރުޞަތުގައި، މެލޭޝިއާއަށް މިހާރު އަމިއްލައަށް ލޯނު ނަގައިގެން ކިޔަވަން ދާން ހަމަޖައްސާފައިވާ ދަރިވަރުންނަށްވެސް ބައިވެރިވެ، ޓިއުޝަން ފީ އިން ބޮޑެތި ޑިސްކައުންޓްތައް ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.