ދުނިޔެ

އީރާނާއި އެމެރިކާ-އިސްރާއީލުގެ ކުރިމަތިލުންތައް ވަރުގަދަވެ، ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފި

އީރާނާއި އެމެރިކާ-އިސްރާއީލުގެ ކުރިމަތިލުންތައް ވަރުގަދަވެ، ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފި

އިރާޤަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 12:18

08 މާރިޗު 2026، 12:18

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަން މުޅި ސަރަހައްދަށް ފެތުރެމުންދާއިރު، އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

 މި ހަމަލާއަކީ މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ފަހުން، ބަޣުދާދުގެ ރައްކާތެރިކަން ވަރުގަދަ ކޮށްފައިވާ 'ގްރީން ޒޯން' އަށް އަމާޒުވި ފުރަތަމަ ހަމަލާއެވެ.

އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިއާ އަލް-ސުދާނީ ވަނީ އެމެރިކާ އެމްބަސީއަށް ހަމަލާދިން ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެގައުމުގެ ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި މި ހަމަލާއަކީ "ޓެރަރިސްޓް އަމަލެއް" ގެ ގޮތުގައި ސިފަކޮށް، މިއީ އިރާގުގެ އިސްތިގުލާލާއި ސަލާމަތަށް ދިން ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ގުރޫޕްތަކުން އިރާގުގެ ރައްޔިތުންގެ އިހުސާސްތައް ތަމްސީލު ނުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އޮފީސްތަކާއި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގްރީން ޒޯނަށް ހަތަރު ރޮކެޓް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން، ހުކުރު ދުވަހު ބަޣުދާދު އެއާޕޯޓް ކޮމްޕްލެކްސްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއްވެސް ވަނީ ދީފައެވެ. މި ހަމަލާތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ސާފުނުވި ނަމަވެސް، އީރާނާ ގުޅުން އޮންނަ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) އިން ވަނީ ފާއިތުވި ހަފުތާގައި އެމެރިކާގެ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދީފައެވެ.

އިރާގުގެ ނީނެވާ ސަރަހައްދުގައި ހުރި ޕީއެމްއެފްގެ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާއެއްގައި އެ ގުރޫޕުގެ ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށް އިރާގު ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕީއެމްއެފްގެ އޮފިޝަލަކު ބުނި ގޮތުގައި މިއީ އެމެރިކާއިން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. ހަމައެއާއެކު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އިރާގުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގައި ހަރަކާތްތެރިވާ 'ވަކިވެގަންނަން މަސައްކަތްކުރާ ގުރޫޕްތަކަށް' ހަމަލާދީފައެވެ.

އައިއާރްޖީސީން ބުނެފައިވަނީ "އީރާނުގެ ސަރަހައްދީ ނިންމުންތަކާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގައިފިނަމަ އެ ބަޔަކު ފުނޑުފުނޑު ކޮށްލާނެ" ކަމަށެވެ. އިރާގުގެ އުތުރުގެ ސިޓީއެއް ކަމަށްވާ އީރްބިލްގައިވެސް ހޮނިހިރު ދުވަހު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. އިރާގަކީ ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާއާއި އީރާނުގެ ކުރިމަތިލުންތަކުގެ މައިދާނަކަށް ވެފައިވާ ގައުމަކަށްވާއިރު، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް އެގައުމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450