Ads by PNC

ޚަބަރު

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 10:14

08 މާރިޗު 2026، 10:14

ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 174.5 މިލިޔަން ރުފިޔާއަށް، 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ކުރިން ފުރަތަމަ ފިޔަވަހީގެ ދަށުން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމާއެކު، ޖުމްލަ 35 ހެކްޓަރުގެ ބިން މަޑަވެލީ ފަޅުން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މަޑަވެއްޔަކީ އާބާދީ ބޮޑު، ނަމަވެސް ބިމުގެ ދަތިކަން އިންތިހާއަށް އޮތް ރަށެއް ކަމަށެވެ. މިހާރު ކުރިއަށްދާ ކޯޒްވޭ މަޝްރޫޢަށް އައި ބަދަލުތަކާ ގުޅިގެން ހިއްކާ 8 ހެކްޓަރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އިތުރު 27 ހެކްޓަރު ހިއްކުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

"މިހާރު ކުރިން ޙަވާލުކޮށްފައިވާ 8 ހެކްޓަރުގެ ބިމުގައި އީއައިއޭ މަސައްކަތް ކުރެވި އެމްޓީސީސީ މާ ލަސްތަކެއްނުވެ ބިން ހިއްކުމަށްޓަކައި މޮބިލައިޒް ކުރާނެ. މަސައްކަތް ކުރިއަށްދާއިރު 27 ހެކްޓަރުގެ ބިމާއި އެއްކޮށް 35 ހެކްޓަރުގެ ޕްރޮޖެކްޓު ނިމިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން މަޑަވެލީގެ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު 35 ހެކްޓަރު ހިއްކުމަށް ނިންމާފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރަށް ބިން ހިއްކުމުގެ ޕްލޭންތަކެއް ސަރުކާރުން ގެންގުޅުއްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450