ޚަބަރު
ސަރުކާރުން 3 ރަށެއްގައި ޤާއިމްކުރި ފިއުލް ސްޓޭޝަންތަކުން ޚިދުމަތްދޭން ފަށައިފި
ރ. ދުވާފަރުގައި ހުޅުވި ފިއުލް ސްޓޭޝަން / ފޮޓޯ: ޕީއެސްއެމް
ފަރުދުން
08 މާރިޗު 2026، 10:56
08 މާރިޗު 2026، 10:56
ސަރުކާރުން ތިން ރަށެއްގައި ޤާއިމްކޮށްފައިވާ ފިއުލް ސްޓޭޝަންތަކުން ޚިދުމަތްދޭން ފަށައިފިއެވެ.
ސަރުކާރުގެ މި މަޝްރޫޢަކީ، މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމުގައިވާ، ހެޔޮ އަގުގައި ތެޔޮ ލިބުމަށް އޮތް ހުރަސްތައް ނައްތާލުމަށް ފެށި މަޝްރޫޢެކެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަނެއް ހުޅުވީ ރ. ދުވާފަރުގައެވެ. އެ ރަށުގައި ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.
އަދި އޭގެ ފަހުން، ހއ. އިހަވަންދޫ އަދި ހދ. ހަނިމާދޫގައި ޤާއިމްކުރި ފިއުލް ސްޓޭޝަންގެ ހުރިހާ މަސައްކަތެއް ނިމި އެތަންތަން ބޭނުން ކުރަމުންނެވެ.
މިމަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރ ޝިފްލާ އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ޤާއިމުކުރުން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 18 ފިއުލް ސްޓޯރޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، 4 ވަނަ ފިއުލް ސްޓޭޝަން ހެދުމަށް ހަމަޖެހިފައިވާ ށ. މިލަންދޫގައި މިހާރު އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ފިއުލް ސްޓޭޝަންތައް ޤާއިމްކުރުމަށް ނިންމާފައި ވަނީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ގދ. ފަރެސްމާތޮޑާ، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައެވެ.
މީގެ އިތުރުން ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.