ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭތީ ކާއެއްޗެހި ތައްޔާރުކޮށް ބާޒާރަށް ނެރޭ ތަނެއް ބަންދުކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ފޮޓޯ: ޞިއްޙީ ވުޒާރާ
އާންމު ސާފުތާހިރުކަމާ ޚިލާފަށް ބައެއް ކާބޯތަކެތި އުފައްދާ މާކެޓްކުރަމުން ދިޔަ ތަނެއް ބަލާ ފާސްކޮށް، އެތަނުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ ފާސްކޮށްފައިވަނީ "ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ކަމަށެވެ. މި ތަނަކީ ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މާކެޓް ކުރަމުންދިޔަ ތަނެކެވެ. އެތަން ބަލާ ފާސްކުރިއިރު، އެއީ އާންމު ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެފަދަ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްވި ނަމަވެސް، އެތަނަކީ ރަޖިސްޓަރީކޮށްގެން ހިންގާ ތަނެއް ނޫންކަން ވެސް ވަނީ ހާމަވެފައެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ފަރާތުން މާކެޓް ކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ވިއްކުން ހުއްޓާލުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައިވާ ގޮތުން، ކާބޯތަކެތި ވިއްކާ ތަންތަން ރަޖިސްޓަރީކޮށް ޚާއްސަ ލައިސަންސެއް ނަގަންޖެހެއެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި، ލޭބަލްކުރުމާއި، އުފެއްދުމުގެ އިތުރުން ވިއްކުމުގެ ޤަވައިދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
މި ޤާނޫނުގެ ދަށުން، ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި، އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައި ހުންނަ ތަކެތި، އަދި ސިއްޙަތަށް ގެއްލުންދޭ ކާބޯތަކެތީގެ މައްސަލަތަކުގައި 10,000 ރުފިޔާ އާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމާނާ ކުރެވޭނެ ކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.