ޚަބަރު
ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އަދާމް އެވެ.
މި ބައްދަލުވުމުގައި، މެމްބަރު ޤައުމުތަކުން ވަނީ ކޮމަންވެލްތުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެ ޖަމުޢިއްޔާއިން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި މި އަހަރުގެ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުން ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމްޢިއްޔާއެކެވެ. އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ކުރިއެރުވުމުގައި އެ ޖަމްޢިއްޔާއާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.