ޚަބަރު
ކުޑަކުދިންގެ ތިމާވެށީގެ ސިއްހަތާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
ޑަކުދިންގެ ތިމާވެށީގެ ސިއްހަތާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް. ފޮޓޯ: ވުޒާރާ
ޗައިނާގެ ބެއިޖިންގްގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަހުމަދު ނާސިރެވެ.
ޔުނިސެފާއި ގުޅުންހުރި ބައިވެރިން ގުޅިގެން އިންތިޒާމުކުރާ މި ކޮންފަރެންސަކީ ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަށް ސިޔާސަތުތަކާއި، ގާނޫނުތަކާއި އަދި ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެކި ގައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ފަންނީ މާހިރުން އެއްތަންވެ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ވައިގެ ނުސާފުކަމާއި، ފެން ތަޣައްޔަރުވުމާއި، އަދި ނުރައްކާތެރި މާއްދާތަކަށް ހުށަހެޅުމުން ދިމާވާ ސިއްހީ ނުރައްކާތައް ހިމެނެއެވެ.
މި ކޮންފަރެންސްގެ ސަބަބުން ބައިނަލްއަގުވާމީ ތަޖުރިބާތަކުން ދަސްކޮށް، ތިމާވެއްޓާއި ސިއްހީ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުޑަކުދިންގެ ތިމާވެށީގެ ސިއްހަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަމަލީ ހައްލުތައް ހޯދުމަށް ރާއްޖެއަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެންއޭޕީ) އަދި ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ފަދަ ސިޔާސަތުތަކުގެ ތެރެއަށް މޫސުމީ ވިލުންވެރިކަމާއި ސިއްހީ ކަންކަން އެކުލަވާލުމުގައި ރާއްޖެއިން ހޯދާފައިވާ ތަޖުރިބާތައް ވެސް މި ކޮންފަރެންސްގައި ހިއްސާކުރަމުންދެއެވެ.
މި ބައްދަލުވުމުގެ ސަބަބުން ލިބޭ މައުލޫމާތާއި ގުޅުންތަކުގެ އެހީގައި، ރާއްޖޭގެ ކުޑަކުދިންނަށް ދުޅަހެޔޮ، ރައްކާތެރި އަދި މޫސުމީ ބަދަލުތަކަށް ވިލުންވެރި މާހައުލެއް ބިނާކުރުމަށް ކުރިއަށް އޮތް ތަނުގައި އެކަށައަޅާ ސިޔާސަތުތަކާއި އަޅާ ފިޔަވަޅުތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.