Ads by Farudhun

ޚަބަރު

ހިލޭ މެޑިކަލް ޗެކަޕް: މިހާތަނަށް 5،000 އަށް ވުރެ ގިނަ މެޑިކަލް ޗެކަޕް ހަދައިފި

ހިލޭ މެޑިކަލް ޗެކަޕް: މިހާތަނަށް 5،000 އަށް ވުރެ ގިނަ މެޑިކަލް ޗެކަޕް ހަދައިފި

ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ނޮވެމްބަރު 2026، 09:58

23 ނޮވެމްބަރު 2026، 09:58

ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 2 ފަހަރު ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާއިރު، މިހާތަނަށް މި ހިދުމަތުގެ ދަށުން 5000 އަށްވުރެ ގިނަ މެޑިކަލް ޗެކަޕް ހަދައިފިއެވެ.

މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ފޮތުގައި، ހަށިހެޔޮ ރާއްޖެއެއް ބިނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަނީ، 1 ޖެނުވަރީ 2024 ގައި ސަރުކާރުން މި ހިދުމަތް ފެއްޓެވިފަހުން މިހާތަނަށް 5386 މެޑިކަލް ޗެކަޕް ހަދާފައިކަން ފާހަގަކުރައްވާފައެވެ.

ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާފައިވާ އިތުރު މަސައްކަތްތަކުގެ ތެރެއިން، "ހަށިހެޔޮރާއްޖެ: ހަށިހެޔޮ، ދުޅަހެޔޮ، އުފާވެރި މުޖްތަމައުއަކަށް"، ހަރަކާތް 5 ނޮވެމްބަރު 2024 ގައި ފެށި، ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކުން ޓްރެއިނަރުން ތަމްރީން ކުރެވުނުކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މިހާތަނަށް ރަށްތަކުގައި ޕްރޮގްރާމްތައް ހިންގާނެ 81 ސްޕޯޓްސް ކައުންސެލަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި ރަށްރަށުން ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ އަދަދު 1483 އަށް އަރާފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

"ހަށިހެޔޮރާއްޖެ" ހަރަކާތަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، ހަރަކާތްތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު 23 މޭ 2025 ގައި އިފްތިތާހުކުރެވި، ރާއްޖޭގައި އުފައްދާ، އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން ފުރަތަމަ ފަހަރަށް ގާނޫނަކުން އަމަލުކުރަން ފެށިގެންދިޔަކަން ވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. 

މި ގާނޫނުގެ ދަށުން، ގަވާއިދުތައް ހަދައި، މޮނިޓަރކުރުމުގެ ނިޒާމު ގެންދަނީ ހަރުދަނާކުރަމުން ކަމަށާއި، ކާބޯތަކެތީގެ ތަޙްލީލްތައް ކުރާ ޒަމާނީ އާލާތްތައް ވެސް ދަނީ ހޯދަމުންކަން ސަރުކާރުން ފާހަގަކުރެއްވިއެވެ. މިކަންކަމަށް ބޭނުންވާނެ މީހުން ވެސް ދަނީ ތަމްރީނުކުރައްވަމުންނެވެ.

މީގެ އިތުރުން، ސަރުކާރުން ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ "ސަމާވަރު" ޕްރޮގްރާމް މިހާރު ވަނީ މުޅި ރާއްޖޭގައި ފަށާފައެވެ. މި ޕްރޮގްރާމަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.

އަދި ކާބޯތަކެތި އުފައްދާ ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ "އުފަކާރަ" ޕްރޮގްރާމް، 6 ރަށެއްގައި މިހާތަނަށް 11 ފަހަރެއްގެ މަތިން ހިންގާފައިވާކަން ވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ 3 އަހަރު ރާއްޖޭގައި ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރައްވާފައިވާ އިތުރު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަރުކާރުން ވަނީ، "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖްތަމަޢު" ޕްރިވެންޓިވް ހެލްތުކެއަރ ޤައުމީ ކެމްޕޭން 6 ނޮވެންބަރު 2025 ގައި ފަށައި، މިހާރު މުޅި ރާއްޖޭގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

އަދި އިބްތިދާއީ ޞިއްޙީ ޚިދުމަތް އާލާކުރުމުގެ (ޕްރައިމަރީ ހެލްތުކެއަރ ރީވައިޓަލައިޒޭޝަން) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށްތަކާއި ސިޓީތައް ހިމެނޭހެން 1,000 ޞިއްޙީ ޚިދުމަތްތެރިން މިހާރު ވަނީ ތަމްރީނުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ބޭސްފަރުވާގެ ރެކޯޑުތަކާއި ޞިއްޙީ ޙާލަތުގެ މަޢުލޫމާތު އެއްކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ޞިއްޙީ އިރުޝާދުތައް ދެމުންގެންދާނެ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ދެނެގަނެވި، ބަލިތަކުން ރައްކާތެރިވުމަށް އޮތް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ހާމަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450