Ads by Farudhun

ޚަބަރު

އަންނަ އަހަރުގެ ބަޖެޓަށް 23 އިސްލާހެއް، ވޯޓަށް އަހަނީ ވަކިވަކިން

އަންނަ އަހަރުގެ ބަޖެޓަށް 23 އިސްލާހެއް، ވޯޓަށް އަހަނީ ވަކިވަކިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2026، 10:33

23 ނޮވެމްބަރު 2026، 10:33

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މި އިސްލާހުތަކުގެ ތަފުސީލު ހާމަކުރައްވާނީ ބަޖެޓު ފާސްކުރުމުގެ ކުރިން، ވަކިވަކި އިސްލާހުތަކަށް ވޯޓަށް އަހާ މަރުހަލާގައެވެ.

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރި ބަޖެޓު ކޮމިޓީން ވަނީ އެއްވެސް ބަދަލެއް ނުގެނެސް އެ ބަޖެޓު ފާސްކޮށް، އެކުލަވައިލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަށްފަހު ތަޅުމަށް ފޮނުވި މި ރިޕޯޓަށް މިއަދު ބަހުސް ފަށާފައިވާއިރު، ބަހުސްގައި ވާހަކަދެއްކެވުމަށް ކޮންމެ މެންބަރަކަށް ދެއްވަނީ ހަތް މިނެޓުގެ ފުރުސަތެކެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް މެންބަރުން 23 އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އިސްލާހުތަކަކީ ކޮބައިކަން މިވަގުތު ހާމަނުކުރެއްވި ނަމަވެސް، މުޅި ބަޖެޓު ފާސްކުރުމަށް ވޯޓަށް އެހުމުގެ ކުރިން، ކޮންމެ އިސްލާހަކަށް ވެސް ވަކިވަކިން މެންބަރުންގެ މެދުގައި ވޯޓަށް އަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ އިސްލާހުތަކުގެ ތަފުސީލު ސާފުވާނީ އެ މަރުހަލާގައެވެ.

މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، އަންނަ އަހަރުގެ ބަޖެޓަކީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމުގެ ރިކަރަންޓު ހަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހިންގުމުގެ ހަރަދަށް 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ބަޖެޓުން ކުރާނެ ކަމަށް އަންދާޒާކުރާ ޖުމްލަ ހަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ހަރަދުގެ 9.9 ބިލިއަން ރުފިޔާ ހިމެނޭއިރު، ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ބަޖެޓުގެ މުހިންމު ދާއިރާތަކަށް ބަލާއިރު، ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ފިސްކަލް ހިސާބުތަކަށް ބަލާއިރު، މި އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް 7.6 ބިލިއަން ރުފިޔާގައި (ޖީޑީޕީގެ %6.2) ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް (ޖީޑީޕީގެ %7.3) އަރާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450