ޚަބަރު
މޫސުމީ ނުރައްކާތަކަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ފަށައިފިއެވެ.
އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "ޓުވާޑްސް ރިސްކް-އަވެއާ އެންޑް ކްލައިމެޓް-ރެޒިލިއަންޓް ކޮމިއުނިޓީސް" (ޓްރެކްޓް) މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމަކީ ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އިން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މޫސުމީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އެކި ދާއިރާތަކުން ނިންމާ ނިންމުންތަކަކީ މޫސުމީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމަށް މަގުފަހި ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސަރަހއްދީ މެޓް އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވަމުންއަންނަ ކަމަށާއި މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ޑަބްލިއު.އެމް.އޯ އިން ތާއީދުކުރާ އޯޕަން ސޯސް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. އޭގެތެރޭގައި އެކި ދާއިރާތަކަށް ޚާއްޞަ މޫސުމީ އިންޑެކްސްތައް ޙިސާބުކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ އެއް ކަމަށްވާ "ކްލައިމްޕެކްޓް" އާއި، ދުނިޔެއާއި ސަރަޙައްދީ މޫސުމީ މޮޑެލްތަކުން ތައްޔާރުކޮށްފައިވާ އިންޑިކޭޓަރުތައް ބެލުމަށް އެހީތެރިވެދޭ "ކްލައިމެޓް އިންފޮމޭޝަން ޕޯޓަލް" ގެ އިތުރުން "ކްލައިމެޓް ސައިންސް އިންފޮމޭޝަން ފޯ ކްލައިމެޓް އެކްޝަން" ގެ މެތޮޑޮލޮޖީއަށް ވެސް މި ތަމްރީނުގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭ ތިމާވެށި ހިމާޔަތްކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ސާފުހަކަތަ އުފެއްދުމަށް އެންމެ ބޮޑު އިންވެސްޓެއް ރާއްޖޭގައި ކޮށްފައިވަނީ މި ސަރުކާރުންނެވެ. ތިމާވެށީގެ ގޮތުން މި ސަރުކާރުން ފެށި އެއް މަޝްރޫއު އަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ގަސް އިިންދާފައިވެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަގޭ ސޯލާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓް ހޯމް ސޯލާ ސިސްޓަމް 750 ގޭބީސީ އަކަށް ސަޕްލައިކޮށްދެވޭނެ ކަމަށާއި މިހާތަނަށް 345 ސޯލާ ސިސްޓަމް ގޭބީސީގައި ގާއިމްކޮށްފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 1.5 މެގަވޮޓްގެ ހޯމް ސޯލާ ސިސްޓަމް 300 ގޭބީސީ އަކަށް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖޭގެ ގުދުރަތީ މާހައުލުގެ ހިމާޔަތަށް މި ސަރުކާރުން ފެށި މަޝްރޫއެއް ކަމުގައިވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާޕާކެއް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން 10 އަތޮޅުގައި ނޭޗާޕާކް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 28 ރަށެއްގައި މުޅިން އަލަށް ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކޮށްފައިވާއިރު 6 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.98 ރަށަކަށް ކުނި އުފުލުމަށް ރައްކާތެރި 100 ވެހިކަލް ފޯރުކޮށްދީފައިވާއިރު 85 ރަށަކަށް ކުނި މެނޭޖްކުރުމުގެ އެކި ބާވަތުގެ އާލާތް މި ސަރުކާރުން ފޯރުކޮށްދީފައިވެއެވެ. އަދި 132 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.