ޚަބަރު
ޔޫތު ހަބާއި ހޮޓްލައިން މެދުވެރިކޮށް 2،000 އަށްވުރެ ގިނަ ޒުވާނުނަށް ކައުންސިލިންދީފި
ޒުވާނުންނާއެކު ރައީސް ބޭއްވެވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޔޫތު ހަބާއި ޒުވާނުންގެ ކައުންސެލިން ހޮޓްލައިން މެދުވެރިކޮށް 2،000 އަށްވުރެ ގިނަ ޒުވާނުނަށް ކައުންސިލިންދީފިއެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައި ވަނީ، މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފޮތުގައެވެ.
އެގޮތުން، ޒުވާނުންނަށް ކައުންސިލީންގ ދޭ ހޮޓްލައިން، 1456، 20 ނޮވެންބަރު 2025 ގައި އިފްތިތާހުކުރެވުނު ފަހުން 427 ޒުވާނަކަށް ހޮޓްލައިން މެދުވެރިކޮށް ވަނީ ކައުންސިލީންދީފައެވެ. އަދި 2219 ޒުވާނަކު ވަނީ ޔޫތުހަބުން ކައުންސިލިން ހޯދާފައެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން ފާއިތުވެދިޔަ 3 އަހަރު 206 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމުތަކުގައި ޖުމްލަ 6560 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ޒުވާނުން ހޭލުންތެރިކޮށް ބާރުވެރިކުރުމަށް ޖުމްލަ 148 ޕްރޮގްރާމެއް ހިންގާފައިވާއިރު، މި ޕްރޮގްރާމުތަކުގައި 37,790 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ޒުވާނުންނަށް ބޭނުންވާ މަޢުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ 115 ޕްރޮގްރާމެއްގައި 2,933 ޒުވާނަކު ބައިވެރިވެފައިވެއެވެ.
ޒުވާނުން އެކި ހުނަރުތަކަށް އަހުލުވެރިކޮށް ތަމްރީނުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ސަރުކާރުން ވަނީ 150 ތަމްރީނު ބުރެއް ބާއްވައި، 7,148 ޒުވާނަކު ތަމްރީނުކޮށްފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން ހުނަރު ތަރައްޤީކުރުމަށް އިތުރު 149 ތަމްރީނު ބުރެއް ކުރިއަށްގެންގޮސްފައިވާއިރު، އެ ތަމްރީނުތަކުގައި 3,677 ޒުވާނުން ބައިވެރިވެފައިވާކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "ޔޫތު ހެލްތު އެންޑް ވެލްބީންގ" ޕްރޮގްރާމުގެ ދަށުން ވެސް މުހިންމު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެ ގޮތުން ޒުވާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޖުމްލަ 206 ޕްރޮގްރާމެއް ބާއްވާފައިވާއިރު، މި ހަރަކާތްތަކުގައި 6,754 ޒުވާނަކު ބައިވެރިވެފައިވާކަން ސަރުކާރުން ހާމަކުރައްވައެވެ.