ދުނިޔެ

ޣައްޒާގައި އިޒްރޭލުން ދިން ހަމަލާތަކެއްގައި އަންހެނުންނާއި ކުޑަކުއްޖަކާއެކު ހަ މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިޒްރޭލުން ދިން ހަމަލާތަކެއްގައި އަންހެނުންނާއި ކުޑަކުއްޖަކާއެކު ހަ މީހުން ޝަހީދުވެއްޖެ

އިޒްރާއިލުން ދިން ހަމަލާއެއްގައި ޝަހީދުވި ކުޑަކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 މާރިޗު 2026، 12:12

09 މާރިޗު 2026، 12:12

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދާ ކަމަށް ބުނާ ދަނޑިވަޅެއްގައި، އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އާދީއްތަ ދުވަހު ދިން ދެ ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހުން ޝަހީދުކޮށްލައިފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި، ކުޑަކުއްޖެއްގެ އިތުރުން ޕެރާމެޑިކެއް ހިމެނެއެވެ.

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ ވެރިޔާ މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި، ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ އަލްއަޒްހަރު ޔުނިވާސިޓީ ކައިރިއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން ފިރިހެނުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ޕެރާމެޑިކް މުހައްމަދު ހަމްދޫނާ ހިމެނެއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ގެދޮރު ގެއްލިފައިވާ މީހުން ވަގުތީ ގޮތުން ދިރިއުޅެމުންދިޔަ ފޭލިގެތަކެއް ކައިރިއަށެވެ.

އިޒްރޭލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގައި މަރާލާފައިވަނީ ހަމާސްގެ ދެ މެންބަރުން ކަމަށެވެ. ނަމަވެސް، އާދައިގެ މަތިން މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް އެ ގައުމުން ހުށަހަޅާފައެއް ނުވެއެވެ.

މެދުތެރޭ ޣައްޒާގެ ނުސީރާތު ކޭމްޕްގެ ހުޅަނގު ސަރަހައްދުގައި ހުރި ފޭލިގެތަކަށް އިޒްރޭލުގެ ޓޭންކުތަކުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުވިއެވެ. އަލްއައުދާ ހޮސްޕިޓަލުގެ ސިއްހީ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ހަމަލާގައި ޝަހީދުވީ 30 އަހަރާއި 46 އަހަރުގެ ދެ އަންހެނުންނާއި 12 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ އިތުރުން 10 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލަށް އައި ފަހުން، އިޒްރޭލުން ވަނީ 1200 އަށްވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ހިލާފުވެފައެވެ. މި މުއްދަތުގެ ތެރޭގައި އިޒްރޭލު ސިފައިން ވަނީ 640 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 288 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި ދުވަސްވީ މީހުން ހިމެނެއެވެ.

މީގެ އިތުރުން، އިޒްރޭލުން ވަނީ ޣައްޒާއަށް ވަދެވެން ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ބަލިމީހުން ބޭރަށް ފޮނުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. 2023 އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް މަދުވެގެން 72,120 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450