Ads by PNC

ޚަބަރު

މުޅި މުޖްތަމަޢުގެ ކުރިއެރުމާ ތަރައްޤީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމަނަންޖެހޭ: އަލައިކާ

މުޅި މުޖްތަމަޢުގެ ކުރިއެރުމާ ތަރައްޤީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމަނަންޖެހޭ: އަލައިކާ

އާޝިޔަތު އަލައިކާ ޢަދުނާން/ފޮޓޯ: އެމްއެމްޓީވީ

09 މާރިޗު 2026، 02:26

މުޅި މުޖްތަމަޢުގެ ކުރިއެރުމާ ތަރައްޤީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމަނަންޖެހޭކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ ޢަދުނާން ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައި އަލައިކާ ވިދާޅުވީ، މިއަހަރުގެ އަންހެނުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ޙައްޤުތައް، އިންސާފު، ޢަމަލު – ހުރިހާ އަންހެނުން އަދި އަންހެން ކުދިންނަށް" މި ޝިއާރުގެ އަސްލު މަޤްޞަދަކީ އަންހެނުންނަށް ލިބިދޭ ޙައްޤުތަކުގެ ވާހަކައަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮންނަ ފޮޅުވަތެއްގެ ބަދަލުގައި، ޢަމަލީ ގޮތުން ކަނބަލުންނަށް އިންސާފު ހޯދައިދިނުމަށް ކުރިއަށް ފިޔަވަޅު އެޅުން ކަމަށެވެ.

މިއަދަކީ އަންހެނުންގެ ކަރާމާތް ރައްކާތެރިކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައަޅަންވީ ދުވަސް. އަންހެނުންނަކީ ޢާއިލާތަކުގެ މައިބަދަ. އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢުގެ މުސްތަޤްބަލް.

އަލައިކާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލައިކާ ފާހަގަކުރެއްވި ގޮތުގައި، މުޅި މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ކަށަވަރުކުރަންޖެހެއެވެ. އަދި އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަން ބޭނުންވާކަމަށާއި، ވަކިން ޚާއްޞަކޮށް، އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ ޢާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް އަލައިކާ ވިދާޅުވިއެވެ.

އަންހެނުންގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، ޒަރޫރީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ހޯދާ ކަށަވަރުކޮށްދޭން އެބަ ޖެހޭ.

އަލައިކާ އިތުރަށް ވިދާޅުވިއެވެ.

މިހާރު ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަދައްކަވަމުން އަލައިކާ ވިދާޅުވީ، އެ އިޞްލާޙުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބިދޭ އިތުރު އިޚްތިޔާރުތަކަކާއެކު، ބްލޮކް ގްރާންޓް 10 އިންސައްތަ އަށް ބޮޑުވެގެން ދިޔުމުން، މިއަދު ކުރަން އުޅޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

އަލައިކާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ އެންމެހާ ކަނބަލުންނަށް އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450