Ads by PNC

ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގައި ބާއްވާ ދެވަނަ "އަވަށްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު!

އެޗްޑީސީއިން ހުޅުމާލޭގައި ބާއްވާ ދެވަނަ "އަވަށްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު!

ފުރަތަމަ ރޯދަ ވީއްލުމުގެ ތެރެއިން/ފޮޓޯ: އެޗްޑީސީ

09 މާރިޗު 2026، 03:09

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން، ހުޅުމާލޭ ފޭސް 1 ގައި މިއަދު ހަވީރު ދެވަނަ "އަވަށްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ، މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ރަނައުރާ މަގު (ހުރަވީ ސްކޫލު ކުރިމަތީ) ގައި ކަމަށެވެ.

މިއީ މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ދެވަނަ ރޯދަ ވީއްލުމަށްވީއިރު، އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން މިދިޔަ ހަފްތާގައި ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށްގެންނެވެ. ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ޙަރަކާތުގެ މަޤްޞަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އަވަށްޓެރި ރޯދަ ވީއްލުންތައް ބާއްވާފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.

ހަމަ އެހެންމެ، ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެ ކުންފުނިން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމެއްކަން ފާހަަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450