ރިޕޯޓް
ހުރިހާ ބާރެއް އަތުގައި އޮތްއިރު 'ނިދާފައި'، ފުރުޞަތު ގެއްލުނީމާ 'މާލެ' މަތިން ހަނދާންވީތަ؟
އިބްރާހީމް މުޙައްމަދު ޞޯލިޙް--
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ފަސް އަހަރުގެ ދައުރު ނިމި، ރައްޔިތުން އެމަނިކުފާނަށް "ނޫނެކޭ" ބުނިތާ މާ ގިނަ ދުވަހެއް ނުވަނީސް، އަނެއްކާވެސް މާލޭގެ ޙާލަތު ރަނގަޅުކުރުމުގެ ނަމުގައި ވެރިކަމަށް ފާރަވެރިވާން ފެށްޓެވުމަކީ މަޖާޒީ ގޮތުން ބަލާއިރު ބޮޑު ޖޯކެކެވެ. 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ ބާރުގައި ހުންނެވިއިރު، މާލޭގެ ތޮއްޖެހުމާއި، ކުލީގެ މައްސަލައާއި، މަގުތަކުގެ ބާރުބޮޑުވުމަށް އެދެވޭ ޙައްލެއް ނުގެނެވުނު ބޭފުޅަކު، މިއަދު އަލުން އެ ފުރުޞަތަށް އެދިވަޑައިގަތުމުން އުފެދޭ ސުވާލަކީ، އޭރު ލިބުނު ރަންގަނޑެއް ފަދަ ފުރުޞަތުގެ ބޭނުން ނުހިފުނީ ކީއްވެގެންތޯއެވެ؟
އިދިކޮޅު އެމްޑީޕީގެ މާލެ ސިޓީ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވަނީ، މާލޭގެ މިހާރުގެ ޙާލަތު އޮތްގޮތަށް ޙައްލު ހޯދަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހަމައެކަނި މާލޭގެ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ޙައްލު ހޯދައިދޭނެ ވެރިކަމެއް ގެންނަންޖެހޭކަން އިބޫ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށާއި، އެހެންނޫންނަމަ މިހާރު ހުރި މައްސަލަތަކަށް އެކަށޭނެ ޙައްލެއް ނުގެނެވޭނެކަމަށް އިބޫ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީގެ މާލެސިޓީގެ މެނިފެސްޓޯ "އަމާނަތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދު" ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފައިވާއިރު، ކައުންސިލް އިންތިޚާބަށް ޚާއްޞަކޮށް ތައްޔާރުކުރި މި މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލެސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބޭގޮތަށްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، މިއި ރައްޔިތުންނަށް ދިމާވެފައިވާ މުހިއްމު މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލު ހޯދައިދީ އުފާފާގަތި ދިރިއުޅުމެއް މާލެ ސިޓީގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް އިފްތިތާޙުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް އެ ޕާޓީގެ އިސްވެރިން ވިދާޅުވެފައިވާއިރު، މިކަމަށް ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން ވަނީ ރައްދުވެފައެވެ.
މި މެނިފެސްޓޯ އަކީ އެޕާޓީގެ ތަސައްވުރު ކަމަށާއި، އެއީ ތަންފީޒު ކުރާނެ ސިޔާސަތުތައް ކަމަށާއި، އަދި އެއީ ރައްޔިތުންނަށް އެމްޑީޕީން ވާ ވަޢުދެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރެއް އޮތްއިރު، ކަންކަން ނުކުރެވި އޮތީ ބާރުތައް ނެތިގެންނޭ ބުނާނެ އެއްވެސް ޖާގައެއް ނެތެވެ. ސަރުކާރުގެ ފުރިހަމަ ބާރު އޮތުމުގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި މޭޔަރުކަން އޮތީ އެމްޑީޕީގެ އަތްދަށުގައެވެ. މީގެއިތުރުން، ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކަށް ލިބުނު އެންމެ ބޮޑު އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" އޮތީވެސް ރައީސް އިބޫގެ ފަހަތްޕުޅުގައެވެ. ނަމަވެސް، ފެނިގެންދިޔައީ މާލޭގެ ރައްޔިތުން ތަޙައްމަލު ކުރަމުންދިޔަ ދަތިތަކަށް ބީރު ކަންފަތެއް ދީ، ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނިންމާނުލެވި، ވަގުތުތައް ބޭކާރުވެގެން ދިޔަ މަންޒަރެވެ.

މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތަކުގެ ޙާލަތު އިތުރަށް ގޯސްވެ، ޕާކިންގް މައްސަލައަށް އެއްވެސް ޙައްލެއް ނުހޯދުނުތާ، މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ދެއްވީ ވަގުތީ ފަރުވާއެކެވެ. ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ، ދައުރު ނިމެން ދެތިން ދުވަހަށް ވީމާ ކަނޑުން ފަޅުން "ގޯތި ފޮތިތަކެއް" ބަހާލުމަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނެއް ފަދަ ކަމެކެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ އިޙްސާސްތަކާ ކުޅުނު ކުޅިވަރެއް ކަމާމެދު މިއަދު އެކަކުވެސް ޝައްކެއް ނުކުރެއެވެ.
މިއަދު އަލުން ވެރިކަން ބޭނުންފުޅުވާ ކަމަށް ވިދާޅު ވަނީ، މާލޭގެ ރައްޔިތުންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެއް ނޫނެވެ. މިއީ ހަމައެކަނި ސިޔާސީ މަސްލަޙަތު ދެމެހެއްޓުމަށާއި، ގެއްލިފައިވާ ބާރުވެރިކަން އަނބުރާ ހޯދުމަށް ކުޅޭ "ޑްރާމާ" އެކެވެ. ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް، އަމިއްލަ ފައިދާއާއި ޕާޓީގެ މަސްލަޙަތު އިސްކުރުމުގެ ނަތީޖާއަކީ، ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު މާލެ އޮތް ހާލަތަށްވުރެ ބޮޑަށް ގޯސްވެގެން ދިއުމެވެ. މާލޭގެ ތާރު މަގުތައް ކޮނެ، އޭގެ މައްޗަށް ގާ އަތުރާލުން ފިޔަވައި ފާހަގަކޮށްލެވޭ އެއްވެސް އުމްރާނީ ތަރައްޤީއެއް މާލެއަށް ނުގެނެވުނުއިރު، އެމަނިކުފާނުގެ ސަރުކާރުން އިސްކަންދިނީ މާލޭގެ ރައްޔިތުންގެ ޖީބަށް ބުރަވާނެހެން ޓެކްސްތައް ބޮޑުކުރުމަށެވެ.

ރައީސް އިބޫގެ މި އައު އިޢުލާނަކީ، އަތުގައި އޮތް ރަންބިސް އަޅާ ކުކުޅު ކަރަށް ހިފާ މަރާލުމަށްފަހު، އަލުން އެ ކުކުޅު ހޯދަން އުޅުން ފަދަ މޮޔަ ކަމެކެވެ. ދައުލަތުގެ ހުރިހާ ބާރަކާއި، މަޖިލީހުގެ އަޣުލަބިއްޔަތާއި، ސިޓީ ކައުންސިލްގެ ފުރިހަމަ ކޮންޓްރޯލް އަތްޕުޅުގައި އޮތްއިރު، މާލޭގެ ރައްޔިތުން ތިބީ ގޮތްހުސްވެފައި، ކަރުދާސް ގޯއްޗާއި، ނުނިމޭ ފްލެޓްތަކުގެ އިންތިޒާރުގައި މަގުމަތިވެފައެވެ. ފަސް އަހަރު ދުވަހު ރައްޔިތުންގެ އިޙްސާސްތަކަށް ބީރު ކަންފަތެއް ދެއްވައި، އަމިއްލަ ސިޔާސީ މަސްލަޙަތާއި "ކޯލިޝަން" ދެމެހެއްޓުމުގައި ވަގުތު ބޭކާރުކުރެއްވި ބޭފުޅަކު، މިއަދު އަލުން މާލޭގެ "މާލިމީއަކަށް" ވާން އުޅުއްވުމަކީ ރައްޔިތުންގެ ބުއްދިއަށް ކުރާ މަލާމާތެކެވެ.
އިޚުލާޞްތެރިކަމެއް ނެތި، ހަމައެކަނި ބާރުވެރިކަމުގެ ދަހިވެތިކަމުގައި ދައްކަވާ މިފަދަ ވާހަކަފުޅުތަކަށް ހެއްލޭނެ ބަޔަކު މިއަދަކު މި ފަސްގަނޑަކު ނެތެވެ. ފުރުޞަތު ލިބުނު ދުވަހު ރައްޔިތުންނަށް ޚިޔާނާތްތެރިވި ވެރިއަކަށް، ދެވަނަ ފަހަރަށް ޤައުމުގެ އަމާނާތް ހަވާލުކުރުމަކީ އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ފަދަ ކަމަކަށްވީއިރު، މާލޭގެ ރައްޔިތުން މިއަދު ބޭނުންވަނީ ވަޢުދުގެ ފޮނި ބަސްތަކެއް ނޫނެވެ. މިއަދު ބޭނުންވަނީ އެމްޑީޕީގެ ދައުރުގައި ގެއްލުވާލި ފުރުޞަތުތަކުގެ ބަދަލުގައި އަދުގެ ސަރުކާރުން ގެންނަމުންދާ އަދި ފެންނަން އޮތް ޢަމަލީ ނަތީޖާއާއި ޙަޤީގީ ތަރައްޤީއެވެ.