Ads by PNC

ޚަބަރު

އަތޮޅުތެރޭގެ 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ 14 ރަށަކަށް  އެމްބިއުލާންސް ހަވާލުކޮށްފި

އެމްބިއުލާންސް ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މާރިޗު 2026، 10:55

10 މާރިޗު 2026، 10:55

އަތޮޅުތެރޭގެ ރަށްތަކުގައި ސިއްހީ ޚިދުމަތް ދިނުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް  އެ ރަށްތަކާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓަނަންސް މެނުއަލްތައް ވަނީ ރަށްތަކުގެ ސިއްހީ މަރުކަޒުތަކާ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އެމްބިއުލާންސްތަކާއި ވެހިކަލްތައް މަރާމާތުކޮށް ސާވިސް ކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މެދުކެނޑުމެއްނެތި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އިމާރާތްތަކާއި ވަސީލަތްތަކުގެ ގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން ހައްލުކުރުމަށްޓަކައި މިހާރުވެސް 135 ރަށެއްގައި ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެއިތުރުން، ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި އިތުރު 600 މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އަލަށް އެމްބިއުލާންސް ހަވާލުކުރި 14 ރަށަކީ:

ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު
ހދ. ހަނިމާދޫ ސިއްހީ މަރުކަޒު
ށ. މަރޮށި ސިއްހީ މަރުކަޒު
ރ. ވާދޫ ސިއްހީ މަރުކަޒު
ރ. ފައިނު ސިއްހީ މަރުކަޒު
ޅ. ހިންނަވަރު ސިއްހީ މަރުކަޒު
ކ. ތުލުސްދޫ ސިއްހީ މަރުކަޒު
ކ. މާފުށީ ހޮސްޕިޓަލް
އދ. މާމިގިލި ސިއްހީ މަރުކަޒު
ފ. ފީއަލި ސިއްހީ މަރުކަޒު
މ. ރަތްމަންދޫ ސިއްހީ މަރުކަޒު
ތ. ވިލުފުށީ ސިއްހީ މަރުކަޒު
ލ. ދަނބިދޫ ސިއްހީ މަރުކަޒު
ս. މަރަދޫ ސިއްހީ މަރުކަޒު


މި 14 ރަށާއެކު، މި ސަރުކާރުން މިހާތަނަށް ޖުމްލަ 70 ރަށަކަށް ވަނީ އާ އެމްބިއުލާންސް ފޯރުކޮށްދީފައެވެ. އަދި އެމްބިއުލާންސް ބޭނުންވާ އިތުރު ރަށްރަށަށް އެ ތަކެތި ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސިއްހީ ވުޒާރާއިން ދެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450